އޭބީސީއިން ގެނެސްދޭ މަޝްހޫރު ޓީވީ ޑްރާމާ ސީރީޒް "ގްރޭޒް އެނާޓޮމީ"ގެ ފުރަތަމަ ސީޒަންއިން ފެށިގެން އެ ސީރީޒްގައި މަސައްކަތް ކުރަމުން އަންނަ، ޖަސްޓިން ޗޭމްބާޒް، އެ ސީރީޒް ދޫކޮށްލަން ނިންމައިފިއެވެ.

15 ސީޒަން ނިންމާ، 16 ވަނަ ސީޒަންއަށް ގުނަމުންދާ "ގްރޭސް އެނާޓޮމީ"އިން ވަކިވެގެންދާ ޖަސްޓިން ޗޭމްބާޒްއަކީ، އެ ސީރީޒްގެ ފޭނުންގެ މެދުގައިވެސް އެންމެ މަގުބޫލު ތަރިއެވެ.

ޝޯ ދޫކޮށްލުމާ ބެހޭ ގޮތުން މީޑިއާއަށް ދިން ބަޔާނެއްގައި ޖަސްޓިން ޗޭމްބާޒް ބުނީ، ފާއިތުވީ 15 ވަރަކަށް އަހަރު، އޭނާއަކީ ކާކުކަން ގިނަ ބަޔަކަށް އަންގައިދިން މަސައްކަތެއް ދޫކޮށްލަން ވަކި ރަނގަޅު ވަގުތެއް ނާންނާނެ ކަމަށެވެ. އެކްޓިންގްގެ ދާއިރާއިން އިތުރަށް ކުރިއަށްދާން ބޭނުންވާ ކަމަށާ، ހަމަ މިފަދައިން އެކި ކެރިއާތައް ތަޖުރިބާކުރަން ބޭނުންވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އުމުރުން 50ގެ އަހަރުތައް ގުނަން ފަށާފައިވާ ޖަސްޓިން ޗޭމްބާޒްއަކީ ޒިންމާދާރު ފިރިއެއްގެ އިތުރުން 5 ދަރިންގެ ބައްޕައެކެވެ.

ޖަސްޓިން ޗޭމްބާޒްގެ މަންޒަރެއް "ގްރޭޒް އެނާޓޮމީ" އިން ފެނިފައިވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ދެއްކި އެޕިސޯޑްއިން އެވެ. އެ ސީންގައި އޭނާ ހޮސްޕިޓަލުން ނިކުމެގެންދަނީ، އޭނާގެ ބަލި މަންމާ ބެލުމަށްކަމަށް ބުނެއެވެ. ނޮވެމްބަރު މަހު އޮންއެއާ ކޮށްފައިވާ ފޯލް-ފިނާލޭއިންވެސް ޖަސްޓިން ޗޭމްބާޒްގެ މަންޒަރެއް ފެނިފައެއް ނުވެއެވެ.