މާލެ ސަރަހައްދުގައި ދިރިއުޅޭ ތިން އަހަރުގެ ކުއްޖަކު ހިމަބިހި (މީސްލްސް) ޖެހިފައިވާ ކަމަށް ޝައްކުކުރެވުމާ ގުޅިގެން ކުރި ޓެސްޓް ތަކުން ކުއްޖާ ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ތިން އަހަރުގެ ކުއްޖަކު ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވުމާ ގުޅިގެން ކުރި ޓެސްޓް ތަކުން ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި އެކުއްޖާ ވަނީ 9 މަހުގަ އާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކޮށް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލިފެތުރޭ މުއްދަތު ފާއިތުވުމުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. މިކޭސް ދެނެގަނެވިފައި ވަނީ ރާއްޖޭގައި ގާއިމް ކުރެވިފައިވާ ހިމަބިއްސާއި ރުބެއްލާގެ ސަވެއިލަންސް ނިޒާމުގެ ތެރެއިން ކަމަށާއި މިނިޒާމުގެ ދަށުން ހުންއައުމާއެކު ހަމުގައި ބިހިނަގައިފި ނަމަ މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކުރާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މިދިޔަ އަހަރު 66 ފަރާތެއް މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ހިމަބިއްސަށް ޝައްކުކުރެވޭ ކޭސްއެއް މިދިޔަ ބުދަ ދުވަހު ރިޕޯޓް ކުރުމާއެކު މިކަމާ ގުޅިގެން ކުރަންޖެހޭ އިންވެސްޓިގޭޝަންތައް ފަށާފައިވާ ކަމަށެވެ. އެގޮތުން އެކުއްޖާގެ ފަރާތުން ބަލިފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ، އެދުވަސްތަކުގައި އެކުއްޖާއާ އެކުގައި އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދައި އޭގެ ތެރެއިން މީސަލްސް ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައި ވާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ހިމަ ބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމަށާއި ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް، މިބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.

ކުއްޖާ ޒިޔާރަތްކުރި ތަންތަން

  • 4 ޖެނުއަރީ 2020 (ރޭގަނޑު 8 އިން 11އަށް) ހުޅުމާލެ ހޮސްޕިޓަލް
  • 5 ޖެނުއަރީ 2020 (ހަވީރު 5-9 އަށް) ހުޅުމާލެ ހޮސްޕިޓަލް
  • 6 ޖެނުއަރީ 2020 (ރޭގަނޑު 7-10 އަށް) ސެނެހިޔާ
  • 7 ޖެނުއަރީ 2020 (ރޭގަނޑު 7 އިން ދަންވަރު 2 އަށް) ހުޅުމާލެ ހޮސްޕިޓަލް
  • 8 ޖެނުއަރީ 2020 (ހެނދުނު 11:30 - މެންދުރު 1:30 އަށް) ޓްރީޓޮޕް
  • 9 ޖެނުއަރީގެ ހަވީރުގެ ވަގުތުތަކުގައި ހުޅުމާލޭ ސެންޓްރަލް ޕާކަށާއި، އެސަރަހައްދުގެ ކެފޭތައް

އެޗްޕީއޭއިން ބުނީ 21 ދުވަހުގެ ތެރޭގައި ހުންއައުމާއެކު ހަމުގައި ބިހިނަގައިފި ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަން ޖެހޭނެ ކަމަށެވެ. އެގޮތުން މާލޭގައި ނަމަ އައިޖީއެމްއެޗްގެ އިމަޖެންސީ ޓްރިއާޖަށް، ހުޅުމާލޭގައި ނަމަ 1417 އިން ހުޅުމާލޭ ހޮސްޕިޓަލަށް ގުޅުމަށް އެދޭ ކަމަށެވެ. އަތޮޅު ތެރޭގައި ނަމަ އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް ވަޑައިގެން، އަލާމާތްތަކުގެ މައުލޫމާތު ކައުންޓަރަށް ދިނުމަށެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވިފައި ވާ ކަމަށް 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ރާއްޖެއަކީ މީސްލްސް ފަދަ ބަލިތައް އުޅޭ ގައުމުތަކުން ވަރަށް ގިނަ މީހުން ޒިޔާރަތްކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ މީހުންވެސް މިފަދަބަލިތައް އުޅޭ ގައުމުތަކަށް ޒިޔާރަތް ކުރެއެވެ. އެގޮތުން 2017 އަހަރާއި 2018 ވަނަ އަހަރުވެސް ރާއްޖެއިން ބޭރުން ދެ ދިވެހިންނަށް ހިމަބިހި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.