މި ސަރުކާރަކީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއްކަން ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިހެން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު "އެޖެންޑާ 19" ޕްރޮމޯޓްކުރުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުތަކާ ގުޅިގެން އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

އިދިކޮޅުން ބުނީ، މި ސަރުކާރަކީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއްކަން މި ވޭދުވެދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށެވެ. އަދި މިހާރު މި ސަރުކާރުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އަނެއްކާވެސް ގިނަ ހުވަފެންތަކެއް ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިދިކޮޅުން ބުނެއެނެވެ.

އެހެން ކަމުން ރައީސް ޔާމީނަށް ތާއީދު ކުރައްވާ އެ ކޯލިޝަނުގެ މެންބަރުންނާއި ދިވެހި ގައުމަށް ލޯބިވާ ހުރިހާ ރައްޔިތުންނަށް އެމްޑީޕީން ދައްކަމުންދާ ހުވަފެންތަކާއި ދަޅަތަކަށް ނުހެއްލުމަށާއި އިދިކޮޅަށް ތާއިދު ކުރައްވާ ފަރާތްތައް މިފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އިދިކޮޅުން ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ނޫނީ މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އިދިކޮޅުން ވަނީ ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި، ސަރުކާރުގެ ފައިސާއާ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.