ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސް ފްލައިޓް ޕީއެސް752 "ވައްޓާލެވުނީ" އީރާނުގެ އަސްކަރިއްޔާއަށް "އޮޅުމެއް އަރައިގެން ހެދުނު ގޯހަކުން'' ކަމަށް އީރާނުން އިއުތިރާފުވެއްޖެއެވެ.

180 މީހުންނާއެކު ތެހްރާންއިން ފުރައިގެން ޔޫކްރައިންއަށް ދަތުރުކުރަމުންދިޔަ ފްލައިޓް ޕީއެސް752 ވައްޓާލާފައިވަނީ އީރާނުގެ އަސްކަރިއްޔާއިން ކަމަށް އެގައުމުން އިއުތިރާފުވިކަން ހާމަކުރީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ.

ލިބެމުންދާ މައުލުމާތަށް ބަލާއިރު، ޔޫކްރައިންގެ މަތިންދާބޯޓު ދަތުރުކޮށްފައިވަނީ އީރާނަށް 'ހައްސާސީ' އަސްކަރީ ސައިޓަކާ ދާދި ކައިރިންނެވެ.

އިރާގުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ރޮކެޓް ހަމަލާތަކެއް ފޮނުވާލަނީ/ފޮޓޯ: އައިއާރްއައިބީ

އީރާނު އަސްކަރިއްޔާއާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ، މި ހާދިސާއާއި ގުޅިގެން ޒިންމާދާރު ވާންޖެހޭ ހުރިހާ ފަރާތްތަކެއް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

އިމާމް ޚާމަނާއީ ވައިގެ ބަނދަރުން އުދުއްސާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، ބޮއިންގް 737-800 މަރުކާގެ ބޯޓު 'ވެއްޓުނު' ހާދިސާގައި އެއިން ދަތުރުކުރި 176 ފަސެންޖަރުންނާ 4 ކުރޫއިންގެ ފުރާނަ ސަލާމަތްވެފައެއް ނުވެއެވެ.

އީރާނަށް ވެއްޓުނު ޔޫކްރައިންގެ މަތިންދާބޯޓު ފްލައިޓް ޕީއެސް752ގެ ބައިތައް/ފޮޓޯ: އޭއެފްޕީ

އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފުވެސް ވަނީ އަސްކަރިއްޔާއަށް އެރި އޮޅުމެއްގައި ހެދުނު ގޯހަކުން ޔޫކްރައިންގެ ބޯޓު ވައްޓާލެވިފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް، ޓްވިޓާ މެދުވެރިކުރައްވާ، ކަށަވަރުކޮށްދެއްވާފައެވެ. ޒަރީފު ވިދާޅުވީ ދާހިލީ ފެނަވަރުގައި ތަހުގީގުތައް ކުރިއަށް ގެންގޮސްފައިވާކަމަށާ، އިބްތިދާއީ ހޯދުންތައް ދައްކާ ގޮތުން ޔޫކްރައިންގެ މަތިންދާބޯޓު ވައްޓާލާފައިވަނީ އީރާނު އަސްކަރިއްޔާއިން ކަމަށާ، އެކަން ހިނގާދިޔައީ 'ހިއުމަން އެރާ'ގެ ސަބަބުން ކަމަށެވެ. މި އޮޅުން އެރީ އެމެރިކާގެ އަމަލުތައް ހުރި ގޮތުން ކަމަށްވެސް ޒަރީފު ވަނީ ވިދާޅުވެފައެވެ.

ޒަރީފު އިތުރަށް ވިދާޅުވީ މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަތުމުގެ ތަހުގީގުތައް މިހާރުވެސް ކުރިއަށްދާކަމަށާ، މިއީ އެއްވެސް ހާލެއްގައި މައާފު ދެވޭނެ ކަމެއް ނޫންކަމަށެވެ.

ފްލައިޓް ޕީއެސް752 ވައްޓާލާފައިވަނީ އަސްކަރީ ހަމަލާއެއްގައި ކަމަށް ހުޅަނގުގެ ބާރުތަކުން މީގެ ކުރިން ބުނި ބުނުމަށް އީރާނުން ވަނީ އިންކާރުކޮށްފައެވެ.