180 މީހުންނާއެކު އީރާނުގެ ވެރިރަށް ތެހްރާންއިން ފުރި މަތިންދާ ބޯޓު ކުށްލި ގޮތަކަށް ވެއްޓެން ދިމާވި ސަބަބާ މެދު ކަނޑައެޅިގެން ވަކި ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށް ޔޫކްރައިން ބުނެފިއެވެ.
ޔޫކްރައިންގެ ވެރިރަކަންކުރާ ކިއޭފްއަށް ދަތުރުކުރަމުންދިތަ ފްލައިޓް ޕީއެސް752 އިން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވެފައެއް ނުވެއެވެ.
ޔޫކްރައިންގެ ހާރިޖީ ވަޒީރު ވަޑީމް ޕްރިސްތައިކޯ ވިދާޅުވީ، ބޯޓަށް ވީ ގޮތް ކަމަށް ބުނާ ތަފާތު އެކި ވާހަކަތައް އެބަހުރި ކަމަށާ، ހަގީގަތުގައި ކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށް އެގައުމަށް އަދި ވަގުތު ބޭނުންވާކަމަށެވެ.
ޔޫކްރައިން މިފަދަ ރޫހެއްގައި ވާހަކަދައްކާފައި މިވަނީ، ޔޫކްރައިންގެ މަތިންދާބޯޓު ވެއްޓިފައިވަނީ އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް އީރާނުން ދެމުންދިޔަ މިސައިލް ހަމަލާއެއް އަމާޒުވެގެން ކަމަށް ހުޅަނގުގެ ބާރުތަކާ އެމެރިކާއިން ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސް ފްލައިޓް ޕީއެސް752 ވެއްޓިފައިވަނީ އިރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް އީރާނުން މިސައިލް ރޮކެޓް ހަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއް ފަހުން ކަމަށްވާއިރު، ބޮއިންގް 737-800 މަރުކާގެ ބޯޓަށް ހަމަލާ އަމާޒުވީ އޮޅުމަކުން ކަމަށް ވެދާނެ ކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.
4 ކްރޫއާއި 176 ފަސެންޖަރުން ދަތުރުކުރި ފްލައިޓް ޕީއެސް752 ގައި ތިބީ އީރާނުގެ 82 ރައްޔިތުންނާ، ކެނެޑާގެ 57 މީހުންނާ ޔޫކްރައިންގެ 11 މީހުންގެ އިތުރުން ސްވީޑްން، އިނގިރޭސިވިލާތް، އަފްގާނިސްތާނު އަދި ޖަރުމަނުވިލާތުގެ ރައްޔިތުންނެވެ. މި ފްލައިޓްގައި ކެނެޑާގެ 63 މީހަކު ތިބިކަމަށް ކުރިން ވަނީ ރިޕޯޓްކޮށްފައެވެ.
މިހާދިސާގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އީރާނުން ބުނެފައިވާއިރު، ބޯޓުވެއްޓިފައިވާ ސަރަހައްދުގައި އީރާނުން މެކޭނިކަލް ޑިގާ ފަދަ ބަރު އުޅަނދުތައް ބޭނުންކުރަމުންދާ ދިއުމަކީ، ހާދިސާއާއި ހިނގަން މެދުވެރިވި ހަގީގީ ސަބަބު ދެނެގަތުމަށް ހުރަސް އެޅި، ހެކި ނެތި ދިއުމަށް މެދުވެރިވެދާނެ ކަމެއް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.