ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް ހުޅުވާލާ އެކަން އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020 ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށް ރިޕޯޓަށް ޝަކުވާ ހުށަހެޅުމާއި ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތަކުގެ ނަންތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށެވެ.

އެ އިއުލާމުގައި ބުނާގޮތުން ރައީސް އިންރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމުގައި ކަނޑައެޅުއްވުމުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020 ގެ ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށް ގެޒެޓުގައި ވަނީ ޝާއިއު ކޮށްފައެވެ

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) އަށާއި އީމެއިލް މެދުވެރިކޮށެވެ.

ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުން މިރޭ ބާއްވާފައި ވާ އިރު އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަދި އަހުމަދު އަކްރަމް މީގެ ކުރިން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހަތް މެންބަރުން އިންތިހާބުކުރާނެ ކަމަށެވެ. އެއީ އެއް މޭޔަރާއި ހަ ކައުންސިލަރުންނެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީއާއި ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި އަންހެނުންނަށް ހާއްސަ ގޮނޑިތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ އެރަށުގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދު، 10،000 މީހުން ހަމަވުމުންނެވެ.