ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގައި އެންމެ އާންމު ބޭނުން ކުރަމުންދާ އެއް ބްރޭންޑް ކަމަށްވާ ބޮއިންގްގެ މަތިންދާބޯޓުތަކުގެ ސަލާމަތްތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ، މެސެޖުތަކެއް އާންމުވެއްޖެއެވެ.

ބޮއިންގް ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ދައްކާވާފައިވާ މި ވާހަކަތަކަށް ބަލާއިރު، އެއް މުވައްޒަފަކު ވަނީ، ބޮއިންގް 737 މެކްސް މޮޑެލްގެ މަތިންދާބޯޓު 'ފަރުމާކޮށްފައިވަނީ ޖޯކަރުންތަކެއް' ކަމަށް ބުނެފައެވެ. އަދި ޖޯކަރުންގެ ސުޕަވައިޒަރުންގެ ގޮތުގައި ތިބީ "ރާމާ މަކުނުތަކެއް" ކަމަށްވެސް އެ މުވައްޒަފު ވަނީ ސިފަކޮށްފައެވެ. އެ މެސެޖަކީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހު ކޮށްފައިވާ މެސެޖެކެވެ.

ބޮއިންގް 737 މެކްސް މޮޑެލްގެ މަތިންދާ ބޯޓުތަކަކީ މިވަގުތު ވައިގެ އުދުހުންތަކުގައި ބޭނުންކުރުން މަނާކޮށް، ގްރައުންޑްކޮށްފައިވާ މޮޑެލްގެ ބޯޓުތަކެކެވެ. 2019 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި މި މޮޑެލްގެ ބޯޓުތައް ގްރައުންޑްކުރީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މޮޑެލްގެ 2 ބޯޓެއް ވެއްޓި، 350 މީހެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި، 2 ހާދިސާއަކާ ގުޅިގެންނެވެ.

މާޗް 10 ވަނަ ދުވަހު ވެއްޓުނު އިތިއޮޕިއަން އެއާލައިންސް ފްލައިޓް 302 ގެ މަތިންދާބާޓުގެ ބައެއް/ފޮޓޯ: ރޮއިޓާޒް

ބޮއިންގް ކުންފުނިންވަނީ އެކުންފުނީގެ މުވައްޒަފުންގެ މެދުގައި ދެކެވިފައިވާ ވާހަކަތަކުގެ ސެންސަރުކޮށްފައިވާ ކޮޕީތަކެއް އާންމުކޮށްފައެވެ. އެއީ ކުންފުނިން ގެންގުޅޭ، ދެފުށް ފެންނަ، ހާމަކަން ބޮޑު ސިޔާސަތުގެ ތެރެއިން ކުރި ކަމަށްވާއިރު، ސެންސަރު ނުކުރާ ކޮޕީ ހުށަހަޅާފައިވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށާ، އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންއަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޖާވާ ކަނޑަށް ވެއްޓުނު ލަޔަން އެއާގެ މަތިންދާބޯޓުގެ އިންޖީނުގެ ބައިތަކެއް ތަހުލީލުކުރަނީ/ފޮޓޯ: ރޮއިޓާޒް

ކަންމިހެން އޮތްއިރު، ބޮއިންގް ކުންފުނިން ވަނީ، މުވައްޒަފު ދެއްކި މި ވާހަކަތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށް ބުނެފައެވެ.

އާންމުވެފައިވާ އިތުރު މެސެޖަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހު، ބޮއިންގް ކުންފުނީގެ މުވައްޒަފަކު ވަނީ މިމޮޑެލްގެ މަތިންދާބޯޓަކަށް އާއިލާ އަރުވާނަންތޯ، އެހެން މުވައްޒަފެއް ކުރެ ސުވާލު ކޮށްފައެވެ. ޖަވާބުގައި އެ މުވައްޒަފު ބުނެފައިވަނީ "ނޫނެކޭ"އެވެ.

ބޮއިންގް ކުންފުނިން ވަނީ މެކްސް 737 މޮޑެލްގެ ބޯޓުތައް އުފެއްދުންވެސް ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.