ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނުކުރުން މިރޭ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެކޮމިޝަނުން ބުނީ ދާއިރާތައް އިއުލާން ކުރުމާއި އަންހެނުންނަށް ހާއްސަ ދާއިރާތައް ކަނޑައެޅުން މިރޭ 9:00 ގައި ހދ.އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި އޮންނާނެ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީއާއި ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި އަންހެނުންނަށް ހާއްސަ ގޮނޑިތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ އެރަށުގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދު، 10،000 މީހުން ހަމަވުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަދި އަހުމަދު އަކްރަމް މީގެ ކުރިން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހަތް މެންބަރުން އިންތިހާބުކުރާނެ ކަމަށެވެ. އެއީ އެއް މޭޔަރާއި ހަ ކައުންސިލަރުންނެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.