180 މީހުންނާއެކު އީރާނުގެ ވެރިރަށް ތެހްރާންއިން ފުރައިގެން ޔޫކްރައިންގެ ވެރިކަން ކުރާ ކިއޭފްއަށް ދަތުކުރަމުންދިޔަ ޔޫކްރައިންގެ މަތިންދާބޯޓު ފްލައިޓް ޕީއެސް752 ވެއްޓުނު ހާދިސާއާއި ގުޅިގެން ޖަވާބު ނުލިބޭ އެތައް ސުވާލެއް އަދިވެސް އެބަހުއްޓެވެ.
ބޮއިންގް 737-800 މަރުކާގެ މި މަތިންދާ ބޯޓު ވެއްޓުނީ ތެހްރާންގެ އިމާމް ޚުމާއިނީ ވައިގެ ބަނދަރުން އުދުއްސާލިތާ މަދު މިނެޓްގެ ކޮޅެއްގެ ތެރޭގައެވެ. ބުދަ ދުވަހުގެ މި ހާދިސާގައި، ބޯޓުން ދަތުރުކުރި 4 ކްރޫއާއި 176 ފަސެންޖަރުން ކުރެ އެކެއްގެ ފުރާނަވެސް ސަލާމަތްވެފައެއް ނުވެއެވެ.
އިބްތިދާއީ ތަހުގީގު
ހާދިސާއާއި ގުޅިގެން އެންމެ ފުރަތަމަ ހިންގި ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، އެއާޕޯޓް ހިމެނޭ ސަރަހައްދުން ބޭރަށް ނިކުތުމަށް މަސައްކަތް ކުރަމުންދިޔަ ވަގުތު، ބޯޓަށް މައްސަލަތަކެއް ކުރިމަތިވެ، ބޯޓުގައި ހުޅުހިފިއެވެ.
މިކަމެއް ހިނގާފައިވަނީ އީރާނުން ފޮނުވާލި މިސައިލް ހަމަލާއއްގެ ސަބަބުން ކަމަށް ބާރުދޭ ހެއްކާ ޖާސޫސީ މައުލުމާތު ލިބިފައިވާކަމަށް ކެނެޑާއިން ބުނާއިރު، އެއީ ގަސްތުގައި އަމާޒު ކުރި ހަމަލާއަކަށް ނުވެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ކެނެޑާއިންވަނީ ބުނެފައެވެ. އެމެރިކާގެ ވާހަކަވެސް ހުރީ މިފަދަ ގޮތަކަށެވެ.
ޔޫކްރައިންވެސް ބުނީ މިފަދަ ސުވާލުތަކަކަށް ޖަވާބު ހޯދަމުންދާ ކަމަށެވެ. ހާދިސާ ހިނގަން މެދުވެރި ސަބަބުތަކުގެ ތެރޭގައި، މަތިންދާބޯޓުތަކާ ދެކޮޅަށް ދޭ މިސައިލް ހަމަލާއެއް އަމާޒުވުން، ވައިގެ ތެރޭގައި ޑްރޯންއެއް ނުވަތަ އެޒާތުގެ އެއްޗެއްގައި ބޯޓު ޖެހި އެކްސިޑެންޓްވުން ނުވަތަ ޓެރަރިޒަމް ހަމަލާއެއްގައި ބޯޓު ތެރޭގައި އެއްޗެއް ގޮވުން ފަދަ ކަމެއްވުންވެސް އެކަށީގެންވާކަމަށް ޔޫކްރައިންވަނީ ބުނެފައެވެ.
އީރާނުން ބުނީ ކީކޭ؟
އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ޗީފް ޢަލީ އާބިދުޒާދީ ވިދާޅުވީ، ތެހްރާންގެ ވައިގެ ބަނދަރުން ފްލައިޓް ޕީއެސް752 ނިކުންނަމުން ދިޔައީ ހުޅަނގު ކޮޅުން ކަމަށެވެ. ނަމަވެސް މައްސަލަތަކެއް ކުރިމަތިވެގެން، ކުށްލި ގޮތަކަށް ވައިގެ ބަނދަރަށް އަލުން ބޯޓު ޖައްސަންވެގެން ކަނާތަށް އަނބުރާލިކަމަށް އީރާނުގެ އޮފިޝަލި ވިދާޅުވިއެވެ. ހާދިސާ ހިނގީ މިވަގުތުއެވެ.
އީރާނުގެ އޮފިޝަލު ވިދާޅުވީ، ބޯޓުގައި ނުތަނަވަސްކަމެއް ހިނަގައިގެން އެއާޕޯޓަށް ދޭންޖެހޭ އިންޒާރުގެ މެސެޖު ފަދަ އެއްވެސް އިޝާރާތެއް ބޯޓުން ކޮށްފައި ނުވާކަމަށެވެ.
ބޯޓު ވެއްޓުމުގެ ކުރިން އޭގައި ރޯވެފައި ހުރި މަންޒަރު އާންމުންނަށްވެސް ވަނީ ފެނިފައެވެ. ސޯޝަލް މީޑިއާގައިވެސް އެމަންޒަރުތައް ވަނީ ދައުރުވެފައެވެ. ކަންމިހެން އޮތްއިރު، ފްލައިޓް ޕީއެސް752އަށް މިސައިލް ހަމަލާއެއް އަމާޒުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ސައިންސްގެ ރޮނގުން ބަލާއިރު ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށްވެސް އާބިދުޒާދީ ވަނީ ވިދާޅުވެފައެވެ.
އީރާނު ސަރުކާރުގެ ތަރުޖަމާނު ޢަލީ ރަބީޢީ ވިދާޅުވީ މިއީ ނަފްސާނީ ގޮތުން އީރާނުގެ ރޫޙު ބަލިކޮށްލުމަށް ފަތުރަމުންދާ ދޮގު ވާހަކަތަކެކެވެ.
މިދަނޑިވަޅަކީ އީރާނާ އެމެރިކާއާއި ދެމެދު އަސްކަރީ ކުރިމަތިލުމެއްގެ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅަކަށްވާއިރު، މި ހާދިސާގައި ބައިވެރިވުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެކަމަށް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް މި ހާދިސާގައި ވެއްޓިފައިވާ މަތިންދާބޯޓަކީ އެމެރިކާގެ ކުންފުންޏެއްގެ އުފެއްދުމަކަށްވާއިރު، މިފަދަ ހާދިސާތަކުގައި ބޯޓު އުފެއްދި ފަރާތުން ތަހުގީގުތަކުގައި ބައިވެރިވުމަކީ މާޒީގައި ކަން ކުރަމުން އައިސްފައިވާ ގޮތެވެ.
ތަހުގީގުތަކުގައި ބައިވެރިވުމުގެ ފުރުސަތު، އެމެރިކާއާއި ބޮއިންގްއަށް ނުދޭނެ ކަމަށް ބުނި ކަމުގައި ވީ ނަމަވެސް، މިހާރު ލިބެމުންދަ މައުލޫމާތަށް ބަލާއިރު، ހާދިސާގެ އިބްތިދާބީ ތަހުގީގުގެ ރިޕޯޓް، ޔޫކްރައިންގެ އިތުރުން ކެނެޑާ، ސްވީޑަން، އަދި އެމެރިކާއާއިވެސް ހިއްސާކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.
މިހާދިސާގައި، ބޯޓުން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވެފައެއް ނުވެއެވެ.