އީރާނުގެ ވެރިރަށް ތެހެރާނުން ފުރައިގެން ޔޫކްރައިންގެ ވެރިކަން ކުރާ ކިއޭވްއަށް ދަތުރުކުރަމުން ދިޔަ ޔޫކްރައިންގެ މަތިންދާބޯޓު ފްލައިޓް ޕީއެސް752 ވެއްޓުނު ހާދިސާއާއެކު އެންމެ ފުން ހިތާމައެއްގައި އޮތް އެއް ގައުމަކީ ކެނެޑާއެވެ.

4 ކްރޫއިންނާއެކު ޖުމްލަ 180 މީހުން ދަތުރުކުރަމުން ދިޔަ މި ބޯޓުގައި ތިބި ފަސެންޖަރުންގެ ތެރެއިން 63 މީހުންނަކީ ކެނެޑާގެ ރައްޔިތުންނެވެ. ބޯޓުގައި ތިބި މީހުންގެ ތެރެއިން 138 މީހުންނަކީ ޔޫކްރައިން މަގުން ކެނެޑާއަށް ދަތުރުކުރުމަށް ރާވާފައިވާ މީހުންނެވެ.

ބޯޓު ވައްޓާލީ އީރާނު މިސައިލެއް؟

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، ފްލައިޓް ޕީއެސް752 ވައްޓާލާފައި ވަނީ އީރާނުގެ ފަސްގަނޑުން ވައިގެ ތެރެއަށް ފޮނުވާލި މިސައިލްއެއްގައި ކަމަށް ބާރު ދޭ ހެއްކާއި، ޖާސޫސީ މައުލޫމާތު، ކެނެޑާގެ އޮފިޝަލުންގެ އަތުގައި އެބަހުރިކަމަށެވެ.

180 މީހުންނާއެކު އީރާނުން އުދުއްސާލި މަތިންދާބޯޓު ގޮވި މަންޒަރު/ފޮޓޯ: ސޯޝަލް މީޑިއާ

އެމެރިކާއާއި އިރާގުގެ އޮފިޝަލުންނާ ހަވާލާދީ ނިއުސް ވީކްއިންވެސް ވަނީ މިއީ މިސައިލްއެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ގަބޫލު ކުރެވޭކަމަށް ބުނެފައެވެ. މި މިސައިލްއަކީ ރަޝިއާގައި އުފައްދާފައިވާ ޓޯރް އެމް-1 މަރުކާގެ މިސައިލެއް ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއީ އޮޅުމެއްގެ ތެރެއިން ހިނގި ކަމަކަށް ވެދާނެ ކަމަށް ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)ގެ ދެ އޮފިޝަލަކުވެސް މިފަދަ މޭރުމަކުން ގަބޫލު ކުރައްވާ ކަމަށް ޚަބަރު ލިބެއެވެ.

ކަންވީގޮތުގެ ފުރިހަމަ މަންޒަރު ހޯދުމަށްޓަކައި، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް، ދެފުށް ފެންނަ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމަށްވެސް ކެނެޑާގެ ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ.

ކެނެޑާއަށް ތަހުގީގުތަކުގައި ބައިވެރިވެވޭނެތަ؟

މި ދަނޑިވަޅަކީ އީރާނާއި އެމެރިކާއާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެކެވެ. އެމެރިކާއިން ޑްރޯން ހަމަލާއެއް ދީގެން އީރާނުގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލާފައި ވާއިރު، އީރާނުން ވަނީ އެ މަރުގެ ބަދަލު ހިފުމުގެ ގޮތުން، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް މިސައިލް ހަމަލާ ދޭން ފަށާފައެވެ.

ފްލައިޓް ޕީއެސް752 ވެއްޓުމާއި، އެމެރިކާގެ އަސްކަރީ ބޭހަށް ރޮކެޓް މިސައިލް ހަމަލާ އަމާޒުވުން ހިނގާދިޔައީ އެއް ރެއެއްގައެވެ.

އީރާނަށް ވެއްޓުނު ޔޫކްރައިންގެ މަތިންދާބޯޓު ފްލައިޓް ޕީއެސް752ގެ ބައިތައް/ފޮޓޯ: އޭއެފްޕީ

ބޮއިންގް 737-800 މަރުގެ މި ބޯޓު ވެއްޓުނު ހާދިސާއަށްފަހު ކަޅުފޮއްޓާ، އެނޫންވެސް ވޮއިސް ރެކޯޑަރުތައް ހޯދާފައި ވާއިރު، މި ތަކެއްޗަކީ އެމެރިކާގެ ބޮއިންގް ކުންފުންޏާ ހަވާލުކުރާނެ ތަކެއްޗެއް ނޫންކަމަށް އީރާނުން ވަނީ ބުނެފައެވެ. ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ގަވައިދުތަކުން އީރާނަށް އެ ހައްގު އެބަ އޮވެއެވެ.

ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރަމުންދާ ފަރާތްތަކުން ބުރަވާ ގޮތުގައި ފްލައިޓް ޕީއެސް752 ވެއްޓުނު ހާދިސާގެ ތަހުގީގުތަކުގައި ބައިވެރިވުމަކީ، ކެނެޑާއަށް ލިބުން ގާތް ފުރުސަތެކެވެ.

މި ހާދިސާ ހިނގުމާއެކު، ކެނެޑާގެ ހާރިޖީ ވަޒީރު ފޮންސުވާ-ފިލީޕް ޝޯމްޕޭން ވަނީ އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފަށް ފޯނުން ގުޅުއްވާފައެވެ. މިއީ އާންމުކޮށް ހިނގާ ކަމެއް ނޫންކަމުގައި ވީ ނަމަވެސް، ޝޯމްޕޭން ވަނީ، ހާދިސާގެ ހިނގައިގެން އުޅޭ ސަރަހައްދަށް ކެނެޑާގެ އޮފިޝަލުންނަށް ދެވޭނެ އިންތިޒާމު، ވީ އެންމެ އަވަހަކަށް ފަހިކޮށްދިނުމަށް އީރާނަށް ގޮވާލައްވަފައެވެ. މަރުވި މީހުންގެ އައިޑެންޓިޓީ ދެނެގަނެ، އެފަދަ ކަންކަން ހަމަޖެއްސުމަށްވެސް ކެނެޑާގެ އޮފިޝަލުން އީރާނުގައި ތިބުން މުހިންމު ކަމަށް ކެނެޑާގެ ހާރިޖީ ވަޒީރު ވަނީ ޒަރީފަށް ދަންނަވާފައެވެ.

މިހާތަނަށް ލިބެމުންދާ މައުލުމާތަށް ބަލާއިރު، އީރާނުން މިކަމަށް ހުރަސް އަޅާފައެއް ނެތެވެ. މިއާއެކު ކެނެޑާގެ އޮފިޝަލުންގެ ވިސާއާ ގުޅުން ހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށްވެސް ޚަބަރު ލިބެއެވެ.

ޕީއެސް752ގައި ކެނެޑާ މީހުން އެހާ ގިނައީ ކީއްވެ؟

ކެނެޑާއިން އެންމެ ފަހުން އެކުލަވާލި ބޯހިމެނުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އީރާނު ދަރިކޮޅު 210،000 އެއްހާ މީހުން، ކެނެޑާގެ ރަށްވެހިންގެ ގޮތުގައި އެގައުމުގައި އެބަ ތިއްބެވެ.

މީގެ އިތުރުން ކެނެޑާއަކީ މަތީ ތައުލީމު ހާސިލުކުރަމުންދާ އީރާނު ދަރިވަރުންގެ މެދުގައިވެސް މަގުބޫލު މަންޒިލެކެވެ. ވެއްޓުނު ފްލައިޓްގައިވެސް ގިނައިން ތިބީ ފިނި މޫސުމުގެ ބަންދަށް ރަށަށް ދިއުމަށް ފަހު، ޔުނިވާސިޓީގެ ތައުލީމަށް އެނބުރި ދިއުމަށް ދަތުރަށް ފެށި ކުދިންނެވެ.

އީރާނުން ކެނެޑާއަށް ސީދާ ދަތުރުކުރެވޭނެ މަގެއް ނޯވެއެވެ. އެންމެ މަގުބޫލު މަގަކަށް ވެފައި އޮންނަނީ ތެހެރާނުން ކިއޭވްއަށް ދަތުރުކުރުމަށް ފަހު، ކިއޭވް މަގުން ޓޮރެންޓޯއަށް ދަތުރުކުރާ ރޫޓްއެވެ. ޕީއެސް752 ދަތުރުކުރަމުން ދިޔައީ އެ ރޫޓްއިންނެވެ.