ނިމިދިޔަ 2019 ވަނަ އަހަރެކޭވެސް އެއްގޮތަށް، މިއަހަރުގެ އޮސްކާ އެވޯޑް ހަފުލާގައި ވަކި ހާއްސަ ހޮސްޓެއް ނުހުންނާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އޭބީސީ ޓެލެވިޝަން އެންޓަޓެއިންމަންޓްގެ ރައީސް ކޭރީ ބާކްވަނީ އެކަޑަމީ އޮފް މޯޝަން ޕިކްޗާޒްގެ ފަރާތުންވެސް އެކަން ކަށަވަރުކޮށްދީފައެވެ.

30 އަހަރަށް ފަހު އޮސްކާ އެވޯޑް ހަފުލާއެއް ހޮސްޓްއަކާ ނުލާ ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރު ކަމަށްވާއިރު، 29.6 މިލިއަން މީހުން އެމެރިކާއިން އެކަނިވެސް މި ޝޯ ބެލިއެވެ. އެއީ ތަކުރާރުކޮށް އެތައް އަހަރެއް ވަންދެން ޝޯގެ އޯޑިއަންސް ގެއްލެމުންދިޔަ ޓްރެންޑަށް ގެނުވި ކާމިޔާބު ބަދަލަކަށްވިއެވެ.

ހޮލީވުޑް ފިލްމީ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްގެ މަގާމުގައި އޮތް އޮސްކާ އެވޯޑް ހަފުލާގައި މިފަހަރުވެސް ވަކި ހޮސްޓެއް ނުބުހެއްޓުމަށް ނިންމީ، މިދިޔަ އަހަރު ލިބުނު އެދެވޭ ރިވިއުތަކަށް ބެލުމަށް ފަހުގައި ކަން ބާކް ވަނީ ހާމަކޮށްފައެވެ.

2019 ވަނަ އަހަރުގެ ކާމިޔާބީއަށް ބަލާ، މިއަހަރުގެ އޮސްކާ އެވޯޑް ހަފުލާވެސް ކުރިއަށް ގެންދާނީ މިއުޒިކްއާއި ކޮމެޑީގެ ލައިވް ހުށަހެޅުންތަކާ އެކުގައި ކަމަށް ބެލެވެއެވެ.

2020 ވަނަ އަހަރުގެ އޮސްކާ އެވޯޑްތަކަށް ނޮމިނޭޓް ވާ ފަރާތްތައް އިއުލާން ކުރުން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.

ބޮޑެތި އެވޯޑް ހަފުލާތަކަށް ހޮސްޓްއަކު ހޮވުން ވެފައިވަނީ ފަހުގެ ތާރީހުގައި ބޮޑު ގޮންޖެހުމަކަށެވެ. އެ ހޮސްޓްކުރާ މީހެއްގެ ސިޔާސަ ކަމާ، ސިޔާސީ ކަމާ، ގަބޫލުކުރުންތައް ހުންނަ ގޮތުގެ ސަބަބުން ޝޯއަށް ބޮޑެތި އަސަރުތަކެއް ކޮށް، އޯޑިއަންސްގެ ނުރުހުމުގެ ބަސްތައް އަމާޒުވުމުގެ މައްސަލަތަކެއް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ.

2020 ވަނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ އަންނަ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ.