ޝާހީ އިސް މަގާމު ދޫކޮށް، މާލީ ގޮތުންވެސް މިނިވަން ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާކަން އިނގިރޭސިވިލާތުގެ ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސް ޕްރިންސް ހެރީއާއި މޭގަން މާކެލް ހާމަކޮށްފިއެވެ.

ދެމަފިރިންގެ ފަރާތުން ނެރެފައިވާ ބަޔާނެއް ބުނާ ގޮތުގައި އެ ދެމަފިރިން އިނގިރޭސިވިލާތާ އުތުރު އެމެރިކާގައި ހޭދަކުރާ ވަގުތު އެއްވަރަކަށް ބަހާލުމަށްވެސް ވަނީ ނިންމާފައެވެ.

ޕްރިންސް ހެރީ މިވަރުގެ ނިންމުމެއް ނިންމާފައިވަނީ އިނގިރޭސިވިލާތުގެ ރާނީ އަދި މާމާފުޅާ، އަޚު އަމީރު ވިލިއަމްއާވެސް މަޝްވަރާކުރުމަކާ ނުލާ ކަމަށް ޚަބަރު ލިބެއެވެ. އަދި ބަކިންގްހަމް ޕެލަސްއިން މިކަމާ ހިތާމަކުރާކަންވެސް މީޑިއާއަށް ވަނީ ހާމަވެފައެވެ.

ޝާހީ އިސް މެމްބަރުންގެ މަގާމު ދޫކޮށްލި ކަމުގައި ވީ ނަމަވެސް، އެ ދެމަފިރިންގެ ފުރިހަމަ އެއްބާރުލުން ރާނީއަށް ލިބެމުންދާނެ ކަމަށް ހެރީގެ ދެމަފިރިންގެ އާންމުކުރި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހެރީއާއި މޭގަންގެ ކައިވެންޏަށްފަހު، ޝާހީ އާއިލާގެ ތެރޭގައި ދެބަސްވުންތަކާ ހަމަނުޖެހުންތައް ހިނގަމުންދިޔަ ކަމަށް ބުނެ، ދޭތެރެ ދޭތެރެއިން ޚަބަރުތައް ވަނީ ފެންމަތިވެފައެވެ.