ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށްޓަކައި މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައިދިނުން މެދުކަނޑާލަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ނިންމައިފިއެވެ.

ޑީއެންއާރް އިން ބުނީ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު އާކުރުން މެދުކަނޑާލަން ނިންމީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް ކަމަށެވެ. އަދި 18 އަހަރުން މަތީ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ މި މަހުގެ 15 ވާ ބުދަ ދުވަހުގެ ކުރިން އައިޑީ ކާޑު ހެއްދުމަށް ހުށަހަޅަން ޑީއެންއާރް އިން ވަނީ އެދިފަ އެވެ.

ޑީއެންއާރް އިން ބުނީ ޖެނުއަރީ 16 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީ ފަރާތްތަކަށް މައުލޫމާތު ބަދަލުވެގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުން މެދުކަނޑާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމަން ޖެހުނީ ކައުންސިލް އިންތިހާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ދިޔަ ނުދިނުމަށް ޓަކައި ކަމަށެވެ.

އިންތިހާބަށް ފަހު ކުރިއެކޭ ވެސް އެއްގޮތަށް 18 އަހަރުން މަތީގެ ފަރާތްތަކުގެ ވެސް މައުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޑީއެންއާރުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ރަށްވެހިކަން، ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ވެސް މި މަހުގެ 15ގެ ކުރިން ރައްވެހިކަން ބަދަލުކޮށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގައިފައެވެ. އިލެކްޝަންސް އިން ބުނީ އެ ތާރީހަށް ފަހު ވޯޓުލާމީހުންގެ ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

ލޯކަލް ކައުނސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހުފައި ވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވެހެވެ. ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.