އީރާނުގެ އަސްކަރީ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލި ކަމުގެ ބަދަލު ހިފުމުގެ ގޮތުން، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުޖަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކާއެކު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް މައްޗަށް ހިނގައްޖެއެވެ.
މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ޑްރޯން ހަމަލާދީ، ޖެނެރަލް ސުލައިމާނީ މަރާލި ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލިފައިވަނިކޮށް، ސުލައިމާނީގެ މަރަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދިން ފުރަތަމަ ހަމަލާއާއިއެކު ތެލުގެ އަގުތަކަށް އަނެއްކާވެސް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް މިއަދު ހުރި ގޮތަށް ބަލާއިރު ލަންޑަން ފިއުޗާޒް ގެ ތެޔޮ ފީފާއަކުން 5 ޕަސެންޓް އުފުލި، ފީފާއެއްގެ އަގު ވަނީ، 72 ޑޮލަރަށް އަރާފައެވެ. ބްރެންޓް ކުންފުނިން ވިއްކާ ސާފުނުކުރާ ތެޔޮ ފީފާއަކުން 3.48 ޑޮލަރު އުފުލި، ފީފާއެއްގެ އަގު ވަނީ، 71.75 ޑޮލަރަށް އަރާފައެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްއިން ތެޔޮ ފީފާއެއްގެ އަގުން 4.7 ޕަސެންޓް ބޮޑުވެ، ފީފާއެއްގެ އަގު 65.65 ޑޮލަރަށް ވަނީ އަރާފައެވެ.
އީރާނާ އެމެރިކާގެ އަސްކަރީ ނުތަނަވަސްކަން ވަރުގަދަ ވަމުންދާ ވަރަކަށް އެކަމުގެ އަސަރު ބައިނަލްއަގުވާމީ ތެލުގެ ސަޕްލައިއާއި އަގުތަކަށް ކުރަމުންދާ އެންމެ މައިގަނޑު އެއް ސަބަބަކީ، ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރަމުންދާ މައި މަގު އޮންނަނީ އީރާނުގެ އިހުތިސޯސް ހިނގާ ސްޓްރެއިޓް އޮފް ހޮރްމޫޒު ނުވަތަ ގަލްފްގެ ހޮރްމޫޒު ކަނޑުއޮޅީގައި ކަމަށް ވުމުންނެވެ. ސައުދީ އަރަބިއްޔާ، އީރާން އަދި އިރާގުން ދުވާލެއްގެ މައްޗަށް ޕަމްޕުކުރާ 16 މިލިއަނަށްވުރެ ގިނަ ފީފާގެ ތެޔޮ ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. ހަނގުރާމައެއް ފެށިއްޖެނަމަ މި ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރަކީ، އިރާނުން ތަކުރާރުކޮށް ދެމުންދާ އިންޒާރެކެވެ.
އީރާނާ އެމެރިކާއާއި ދެމެދު ހަނގުރާމައެއް ފެށިއްޖެ ހިނދެއްގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނަމުންދާއިރު، މިއީ ރާއްޖެ ފަދަ، އިމްޕޯޓް-ތެލަށް ބަރޯސާވެފައިވާ ގައުމަކުން އިންތިހާއަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ (ރީކޯ) މޫސާ މަނިކުވަނީ ވިދާޅުވެފައެވެ.
ހަނގުރާމައެއް ފަށާ، އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށްފި ހާލެއްގައި ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރާނީ އޯޕެކްގެ ގައުމުތައް މެދުވެރިކޮށެވެ. މީގެ އިތުރުން ކުށްލި ހާލަތެއްގައި ސަޕްލައި ކުރުމަށް ކެނެޑާއާއި އެމެރިކާގައިވެސް ތެލުގެ ރިޒާވްތައް ގާއިމުކޮށްފައި ހުރެއެވެ.