180 މީހުންނާއެކު އީރާނުގެ ވެރިރަށް ތެހްރާނުން އުދުއްސާލި ޔޫކްރައިންގެ މަތިންދާ ބޯޓެއް، އިމާމް ޚާމަނާއީ އެއާޕޯޓް ކައިރިއަށް ވެއްޓި، އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

ބޮއިންގް 737-800 މަރުކާގެ މި މަތިންދާ ބޯޓު ވެއްޓިފައިވަނީ އުދުއްސާލިތާ މާ ގިނަ އިތުރުތަކެއް ނުވަނީސް ކަމަށް މައުލޫމާތު ލިބެއެވެ.

ބޯޓުން ދަތުރުކުރި އެންމެންގެ ފުރާނަ ގެއްލިފައިވާކަން ހާމަކޮށްފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ.

ފްލައިޓްރޭޑާ24 ފްލައިޓް ޓްރެކާ ބުނާ ގޮތުން ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިން ފްލައިޓް 752، އީރާނު ގަޑިން ފަތިހު 05:15ގައި އުދުއްސާލުމަށްފަހު، ޖައްސަން ހަމަޖެހިފައިވަނީ ޔޫކްރައިންގެ ބޮރީސްޕިލް އިންޓަނޭޝަނަލް އެއާޕޯޓްއަށެވެ. އެއީ ޔޫކްރައިންގެ ވެރިރަށުގެ ގޮތުގައި ބަލަމުން އަންނަ ކިއޭފްގެ ވެރިކަން ކުރާ ސިޓީއެވެ.

05:15ގައި އުދުއްސާލަން އޮތް ބޯޓުގެ ފުރުން ގަޑިއެއްހާއިރަށް ލަސްކޮށް، ފްލައިޓް 752 އުދުއްސާލާފައިވަނީ އީރާނު ގަޑިން ފަތިހު 06:12 ގައެވެ.

އީރާނުގެ އިސްނާ ނިއުސް އޭޖެންސީއިން އާންމުކޮށްފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ބޮޑު ގޮވުމެއް ގޮވުމުގެ ކުރިން، ކުދިކުދި އަލިކަނިތަކެއް ކުޑަ ވަގުތުކޮޅަކަށް ދެމިގެންދެއެވެ.

މިހާދިސާއަކީ އީރާނާ ދެމެދު އުފެދިފައިވާ ވަރުގަދަ އަސްކަރީ ނުތަނަވަސްކަމާ ގުޅުންހުރި ހަމަލާއަކާ ގުޅިގެން ހިނގި ހާދިސާއެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.