އިރާގުގައި ގާއިމު ކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް، އީރާނުން މިސައިލް ހަމަލާ ދޭން ފަށައިފިއެވެ.

އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މައި މަރުކަޒެއްގެ ގޮތުގައި ބަލަމުން އަންނަ އައިން އަލް-އަސަދު ބޭސްވެސް ހިމެނޭ ގޮތަށް އެމެރިކާގެ އަސްކަރީ އަމާޒުތަކަށް އިރާނުން ހަމަލާ ދޭން ފަށަފައި މިވަނީ، އެމެރިކާއިން ޑްރޯން ހަމަލާ ދީ، އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާ ދަނޑިވަޅެއްގައެވެ.

އައިން އަލް-އަސަދަ ވައިގެ މަރުކަޒަށް ހަމަލާ ދީފައިވަނީ އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ގޮފި ކަމަށްވާ އީރާނިއަން ރިވަލޫޝަނަރީ ގާޑުން ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. މި ހަމަލާތަކުގެ ރައްދުގައި އެމެރިކާއިން ހަމަލާ ދީފިނަމަ، މިއަށްވުރެ ވަރުގަދަ ހަމަލާތަކެއް އަނެއްކާވެސް އީރާނުން ދޭނެ ކަމުގެ އިންޒާރުވެސް ރިވަލޫޝަނަރީ ގާޑުން ދީފައިވާކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އައިން އަލް-އަސަދު ސަރަހައްދަށް އަމާޒުކޮށް އީރާނުން 13 މިސައިލް ހަމަލާއެއް ދީފައިވާއިރު، ކުރުދީން ވަނީ އިރްބީލް ސަރަހައްދަށްވެސް އީރާނުގެ ހަމަލާ އަމާޒުވެފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

ޖެނެރަލް ސުލައިމާނީގެ މަރުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ހަމަލާ ދީފިނަމަ އެގައުމުގެ 52 އަމާޒަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައި ވާއިރު، އީރާނަށް ހަމަލާ ދިނުމަށް އެމެރިކާއަށް އެއްބާރުލުންދޭ ގައުމުތަކަށްވެސް އީރާނުގެ ހަމަލާތައް އަމާޒުވާނެ ކަމުގެ އިންޒާރު، އީރާނުން ވަނީ ދީފައެވެ.

އެމެރިކާގެ އަސްކަރިއްޔާއަށް އަމާޒުކޮށް އީރާނުން ހަމަލާ ދީފައިވާކަން، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)އިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އެމެރިކާގެ އަސްކަރިއްޔާގެ އިތުރުން، އެމެރިކާއާއި ގުޅިފައިވާ އިއްތިހާދުގެ ގައުމުތަކުގެ އަސްކަރީ ބާރުތަކަށްވެސް މި ހަމަލާތައް އަމާޒުވިކަން ޕެންޓަގަންއިން ފާހަގަކުރެއެވެ.

އެމެރިކާ އަސްކަރިއްޔާގެ 5000 އެއްހާ ސިފައިން އިރާގުގައި ހަރަކާތްތެރިވާއިރު، އެމެރިކާއިން އަދިވެސް ދަނީ މެދުއިރުމަތީގައި އެގައުމުގެ އަސްކަރީ ބާރުތައް ވަރުގަދަ ކުރަމުންނެވެ.