އިރާގުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެގައުމުން ފައިބާކަމަށް އިރާގުގައި ހުންނެވި އެމެރިކާގެ ޖެނެރަލަކު ވިދާޅުވިކަމަށް ބުނާ ސިޓީގައިވާ ވާހަކަތައް ދޮގުކުރައްވާ، އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވާހަކަދައްކަވައިފިއެވެ.

އިރާގުގައި ހުންނެވި އެމެރިކާގެ އަސްކަރީ ޖެނެރަލް ލިއްޔުވާފައިވާކަމަށް ސިޓީގައިވާ ވާހަކަތަކަށް ބަލާއިރު، އިރާގުގައި ތިބި އެމެރިކާގެ ސިފައިން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްކޮޅު ނުވަތަ ހަފުތާތަކެއްގެ ތެރޭގައި ފެށިގެންދާނެއެވެ.

މިފަދަ ވާހަކަތަކެއް ފެންމަތިވެފައި މިވަނީ، އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އެގައުމުން ފައިބައިގެން ދިއުމަށް އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިކަމަށް ގޮވާލައްވާފައިވަނީ، އިރާގުގެ ފަސްގަނޑަކަށް އެމެރިކާއިން ދާދިފަހުން ވަރުގަދަ ހަމަލާތަކެއް ދީ، އީރާނު އަސްކަރިއްޔާގެ ކޮމާންޑަރާ، އިރާގުގެ ކޮމާންޑާރެއްގެ މަރާލި މައްސަލައާއި ގުޅިގެންނެވެ.

އެމެރިކާގެ އަސްކަރީ ޖެނެރަލްގެ ސިޓީގައިވާ ވާހަކަތަކާ އެމެރިކާއިން ދައްކާ ވާހަކަތަކުގައި ފުށޫއެރުންތަކެއް ހުރިއިރު، މިކަމާ ގުޅިގެން ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. ކަންމިހެން އޮތްއިރު، އެސްޕާ ވިދާޅުވަނީ، އިރާގުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ބޭލުމަށް އެމެރިކާއިން އެއްވެސް ވަރަކަށް ނިންމާފައި ނުވާނެ ކަމަށެވެ.

އެމެރިކާ އަސްކަރިއްޔާގެ އެންމެ އިސް އޮފިޝަލު ޗެއާމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފްސް މާކް މައިލީވެސް ވަނީ އެބުނާ ސިޓީއަކީ "ގޯހެއް" ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ، އިރާގުގައި އެމެރިކާއިން ގާއިމުކޮށްފައިވަނީ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި އެއާ ބޭސްއެއް ކަމަށާ، އެކަމުގެ ބަދަލު ނުލިބެނީސް އިރާގުން ފައިބައިގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ކުރުވުމަށް އިރާގުން މަސައްކަތް ކޮށް، އިރާގުން އެމެރިކާ ސިފައިން ބާލައިފިނަމަ، އިރާގާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.