ބަންގްލަދޭޝްގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ ޔުނިވާސިޓީއެއްގައި ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ވެރިރަށް ޑާކާގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.

ގިނަ އަދަދަކަށް ޒުވާނުން ބައިވެރިވެގެން ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިން ދަނީ ޖިންސީ ގޯނާ ކުރި މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް ޑިމާންޑް ކުރަމުންނެވެ.

ޑާކާގެ މަގުތަކަށް ނިކުތް ޒުވާނުން ވަނީ އަތު ގުޅާލުމެއްގެ ސިފައިގައި އިހުތިޖާޖުކޮށް، މައި ސިޓީގެ އެއްގަމު ދަތުރުފަތުރަށް ހުރަސްއަޅާފައެވެ. އަދި ޖިންސީ ގޯނާގެ އަމަލު ހިންގި ފަރާތްތައް 24 ގަޑިއިރުގެ ތެރޭގައި ހައްޔަރު ކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ޑިމާންޑް ކޮށްފައެވެ.

ހާދިސާ ހިނގާދިޔަ ޑާކާ ޔުނިވާސިޓީގެ ދަރިވަރުން ފާހަގަކުރާ ގޮތުގައި ބަންގަލަދޭޝްގައި ރޭޕްގެ މައްސަލަތަކަށް އިންސާފު ލިބޭލެއް އިންތިހާއަށް ލަހެވެ. މިކަމަށް ބޭނުންވަނީ އަވަހަށް ޝަރީއަތް ހިންގާ، ހުކުމް ތަންފީޒު ކުރުން ކަމަށާ، އެފަދަ ގޮތަކަށް ކަންކުރުމުން ދެވަނަ މީހަކު އެފަދަ ކުށަކަށް އަރައިގަތުމަށް ފަސްޖެހޭނެ ކަމަށްވެސް މުޒާހަރާކުރާ ޒުވާނުން ދަނީ ފާހަގަކުރަމުންނެވެ.

ޑާކާ ޔުނިވާސިޓީގެ ދަރިވަރުންގެ އިއްތިހާޑުގެ ނައިބު ރައީސް ނޫރުލް ހައްގު ނޫރު ބުނީ ޑާކާ ޔުނިވާސިޓީއަކީ ބަންގްލަދޭޝްގެ އެންމެ މަތީ އިލްމީ މުއައްސަސާއަށްވާއިރު، އެތަނުގައި މިފަދަ ގޮތަކަށް ކުއްޖަކު ރޭޕްކުރެވިގެން ދިއުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި ބަންގްލަދޭޝްގައި ހިނގާ ގޮސްފައިވާ ރޭޕްގެ މައްސަލަތައް، އަވަސް-ނިޔާ ކޯޓަކުން ބަލާ، ހުކުމް ތަންފީޒުކުރެވިގެން ދިއުމަށްވެސް އޭނާ ވަނީ ޑިމާންޑްކޮށްފައެވެ.

ސުލްހަވެރި މުޒާހަރާއެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި 1500 އެއްހާ ދަރިވަރުން ބައިވެރިވި ކަމަށް ފުލުހުން ބުނެއެވެ.

ޑާކާ ޔުނިވާސިޓީގެ ދަރިވަރު ރޭޕްކުރުމުގެ ޖަރީމާ ހިންގާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ރަހުމަތްތެރިއެއްގެ ގެއަށް ދަތުރުކުރަމުންދިޔަ މަގުމަތީގައި، އޭނާގެ ކަރުގައި ހިފާ ހާސްކޮށްލުމަށްފަހު، ޑާކާގެ އެކަހެރި ހިސާބަކަށް ގެންދިއުމަށްފަހުގައެވެ. އެ ދަރިވަރަށް މިހާރު ފަރުވާ ދެމުންދަނީ ޑާކާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ، މިކަމާ ގުޅިގެން، ހަމަލާ ދިން މީހާ ހައްޔަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.