އިންޑިއާގެ އެންމެ ގަދަރުވެރި ޔުނިވާސިޓީތަކުގެ ތެރޭގައި ގުނާލެވޭ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީ (ޖޭއެންޔޫ) ގެ ކެމްޕަސް ތެރެއަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ދަރިވަރުންނަށް ހަމަލާ ދިން މައްސަލައާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ފަންނުވެރިންވާ ތަރިންތަކެއް، އެ ޔުނިވާސިޓީގެ ދަރިވަރުންނާއެކު ސީދާ ހަރަކާތަކަށް ނިކުމެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭގެ ހަމަލާތަކަށް ފަހު ޖޭއެންޔޫގެ ދަރިވަރުން ދަނީ ބޮޑެތި އެއްވުންތަކެއް ބާއްވަމުންނެވެ. މި އެއްވުންތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާއިރު، ބައެއް ތަރިން ވަނީ ދަރިވަރުންނާއެކު މުޒާހަރާގެ މައިދާނަށްވެސް ނިކުމެފައެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު އިންޑިއާގެ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީއަށް ވަދެ ދަރިވަރުންނަށް ހަމަލާ ދިނުމުން ފުލުހުންގެ އިދާރާ ކުރިމަތީގައި ދަރިވަރުން އިހުތިޖާޖު ކުރަނީ/ފޮޓޯ: އޭއެފްޕީ

މުމްބާއީގައި ކުރިއަށްދިޔަ މުޒާހަރާތަކަށް ހޯމަ ދުވަހުގެ ރޭ ނިކުތް މަޝްހޫރު ބައެއް ފަރާތްތަކުގެ ތެރޭގައި އަނޫރާގް ކަޝްޔަޕު، އަނޫރާގް ބާސޫ، ތާޕްސީ ޕައްނޫ، ގޯހާރު ހާން، ވިޝާލް ބަރްދްވާޖްގެ ދެމަފިރިންގެ އިތުރުން ރީޗާ ޗައްދާ، އަލީ ފަޒާލް އަދި ޑިއާ މިރްޒާ ފަދަ ފަންނުވެރިން ފާހަގަކުރެވެއެވެ. ލޮލަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންދާ ރާހުލް ބޯސްވެސް ވަނީ މުޒާހަރާގެ މައިދާނަށް ނިކުމެ، މިކަމުގައި ސީދާ ގޮތުން ބައިވެރިވެފައެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު އިންޑިއާގެ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީއަށް ވަދެ ދަރިވަރުންނަށް ހަމަލާ ދިން ހާދިސާގެ ތެރެއިން/ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް

ޖޭއެންޔޫއަކީ، އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދިޔަ ދަރިވަރުންތަކެއް ތިބި ޔުނިވާސިޓީއަކަށްވާއިރު، އާދީއްތަ ދުވަހުގެ ރޭގެ ހަމަނުޖެހުންތަކަކީ، ވެރިކަންކުރާ ބީޖޭޕީއަށް ތާއީދުކުރާ ދަރިވަރުންގެ ގޮތްޕަކުން ހިންގި ޖަރީމާއެއް ކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ.