އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އެގައުމުން ބާލައިފިނަމަ، އިރާގާ ދެކޮޅަށް، ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.

މިފަދަ ވަރުގަދަ އިންޒާރެއް ޓްރަމްޕް ދެއްވާފައި މިވަނީ، އިރާގުގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތަކުގެ މެމްބަރުން އެ ގައުމުން ފޭބުމަށް، އިރާގުގެ ގާނޫނު ހަދާ މަޖިލީހުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިރާގުގައި އެމެރިކާއިން އަޅާފައިވަނީ އާދަޔާ ހިލާފަށް އަގުބޮޑު އެއާބޭސް އެއް ކަމަށާ، އެ އެއާބޭސް އެޅުމަށް އެމެރިކާއިން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްފައިވާނެ ކަމަށެވެ. އަދި އެކަންކަމުގެ ބަދަލު ނުދެނީސް އެމެރިކާއިން އިރާގު ދޫކޮށް ނުފައިބާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި މެދުއިރުމަތީގެ ގައުމުތަކުގެ ޒަމާންވީ ހަތުރުވެރި ގުޅުން އިތުރަށް ނުތަނަވަސްވެފައި މިވަނީ، އީރާނު އަސްކަރިއްޔާގެ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަށް އެމެރިކާއިން އިރާގުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގާ، އޭނާއާއި އަދިވެސް އިތުރު ބަޔަކު މަރާލި ހާދިސާއާއި ގުޅިގެންނެވެ.

އެމެރިކާގެ ރައީސްއަށް ހާއްސަ މަތިންދާބޯޓުގައި އިންނަވައިގެން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރަހުމަތްތެރިކަމުގެ އިމުން ބޭރުން އެމެރިކާ ސިފައިން އިރާގުން ފައިބަން އަންގައިފިނަމަ އެމެރިކާއިން އިރާގާ ކުރިމަތިލާނީ ދަތިކުރުމުގެ ފިޔަވަޅުތަކަކާއެކުގައި ކަމަށެވެ. އެ ފިޔަވަޅުތަކަކީ ފިސާރި ވަރުގަދަ ފިޔަވަޅުތަކަކަށް ވާނެ ކަމަށާ، އެ ފިޔަވަޅުތަކާ އަޅާ ބަލާއިރު، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްވެސް އެއްޗަކަށް ނުވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު، އީރާނު ގުދުސް ފޯސްގެ މިހާރުގެ ކޮމާންޑަރު އަދި އީރާނިއަން ރިވަލޫޝަނަރީ ގާޑްގެ ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ގަނީ ވަނީ، ޖެނެރަލް ސުލައިމާނު ހިނގި މަގުން ހިނގާނެ ކަމަށާ، އޭނާގެ މަރުގެ ބަދަލަކަށް އޮތް ހަމައެކަނި ބަދަލަކީ، އެމެރިކާއިން މެދުއިރުމަތި ދޫކޮށް، ފައިބައިގެން ދިއުން ކަމަށް ބުނެފައި ކަމަށް އީރާނުގެ ދައުލަތުގެ ރޭޑިއޯއިންވަނީ ހާމަކޮށްފައެވެ.