އިއްޔެ ފަރަށް އެރި ދޯނިން ގެއްލިގެން ހޯދަމުންދަނީ ހދ.ކުޅުދުއްފުށީ ޒުވާނެކެވެ.
އެމްއެންޑީއެފުން ބުނީ، ފަރަށް އެރި ދޯނިން ގެއްލިގެން ހޯދަމުން ދަނީ ކުޅުދުއްފުށީ ހަވީރީނާޒް، 37 އަހަރުގެ މުހައްމަދު ޔޫސުފު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ފަރަށް އެރި ދޯނިން ގެއްލުނު މީހާ ހޯދުމުގައި ކޯސްޓް ގާޑް ޑައިވަރުން ދަނީ އެ ސަރަހައްދުގައި ޑައިވް ކުރަމުން ކަމަށާއި މިހާތަނަށް ކުރި ޑައިވްއިން އެ ސަރަހައްދުގެ އަޑިން މާސްކަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ފަރަށް އަރާފައިވާ ދޯންޏަކީ މުދާ އުފުލާ "ޓީޓީއެސް ފާން" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި ފަރަށް އަރާފައި ވަނީ ކ. ކަގި ކައިރިންނެވެ. މި ހާދިސާ ހިނގި އިރު އެ ދޯނީގައި ތިބީ ޖުމްލަ ތިން މީހުންނެވެ. އެއީ 2 ބިދޭސީން ނާއި ދިވެއްސެކެވެ. ދިވެހި މީހާ އަކީ ދޯނިގެ ކައްޕިއެވެ.
މި މަހުގެ ދެވެނަ ދުވަހު ބ. ދޮންފަނު ކައިރިން ދޯންޏަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޓެންޑްގައި ގެއްލިގެން ހޯދަމުން ދާ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ ހޯދުމުގެ މަސައްކަތްވެސް އެމްއެންޑީއެފުން ހުއްޓާނުލާ ކުރިއަށް ގެންދެއެވެ. މިއަދަށް 4 ދުވަސް އެވަފައި ވާައިރު އެމްއެންޑީއެފުން ބުނީ އެންއެންޑީއެފްގެ ހެލިކޮޕްޓަރުގާ ވައިގެ މަގުން ނަސްރުﷲ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނެފައި ވަނީ ހާދިސާ ހިނގި ސަރަހައްދުގެ ފަރު ކައިރިން މަސްބާނަން ގެންގުޅޭ ކަންވާރުތަކެއް ފެނިފައިވާ ކަމަށެވެ.
މި ހާދިސާގައި ފުލުހުނާއި އާންމުންގެ ގިނަ ބަޔަކު ގުޅިގެން ނަސްރުﷲ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު 15 އުޅަނދަކުން އެނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ. އަދި ނަސްރުﷲ ހޯދުމަށް އެމްއެންޑީއެފްގެ "އެފްއައިސީ ފާމުލަދޭރި" ހަރަކާތްތެރިވަމުންދާ ކަމަށައި އެ ސަރަހައްދު ކައިރީ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައި ވެއެވެ. ނަސްރުﷲ ހޯދުމަށް ކަނޑުގެ ސާފެސް ބެލުމާއި، ނައިޓް ވިޝަން ކެމެރާ ވެސް ދަނީ ބޭނުން ކުރަމުންނެވެ.