އެމެރިކާއިން މަރާލާފައިވާ އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާނީގެ ޖަނާޒާއާއި ދިމާކޮށް، އީރާނުގެ ވެރިރަށް ތެހްރާންގެ މަގުތަކަށް އެތައް ހާސް ބަޔަކު ޖަމާވެއްޖެއެވެ.

އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ގޮފިތަކުގެ ހިމެނޭ ގުދުސް ފޯސްގެ ކޮމާންޑަރުގެ މަގާމުގައި 1989 ވަނަ އަހަރުން ފަށައިގެން ހުރި ޖެނެރަލް ސުލައިމާނީ މަރާލާފައިވަނީ، އިރާގުގެ ވެރިރަށް ބަގުދާދުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ. މި ހަމަލާއަކީ ޖެނެރަލް ސުލައިމާނީ މަރާލުމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރެއްވި އަމުރަކާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއަކަށްވާއިރު، ވަރުގަދަ ހަނގުރާމައެއް ފެށުމުގެ ކޮޅުމަތި މިހާރު ދަނީ ފެންނަމުންނެވެ.

ޖެނެރަލް ސުލައިމާނީގެ ޖަނާޒާއަށް އީރާނުގެ ވެރިރަށް ތެހްރާންގެ މަގުތައް ފުރާލާފައި/ފޮޓޯ: އޭއެފްޕީ

އީރާނު އަސްކަރިއްޔާއިން ހިންގާ ހާރިޖީ އޮޕަރޭޝަންތަކުގެ މޭސްތިރިކަމަށްވާ ޖެނެރަލް ސުލައިމާނީއަކީ އެމެރިކާއިން ސިފަކުރާ ގޮތުގައި ޓެރަރިސްޓްއެކެވެ.

އީރާނަށް ސުލައިމާނީގެ ހަށިގަނޑު ގެނެސް، އޭނާގެ މައްޗަށް އިމާމްވެ ކަށުނަމާދު ކުރައްވާފައިވަނީ އީރާނުގެ ނުފޫޒުގަދަ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާއީއެވެ. އީރާނުން ދެކޭ ގޮތުގައި ޚާމަނާއީއަށް ފަހު އީރާނުގައި އެންމެ ނުފޫޒުގަދަ އަދި ބާރުގަދަ ޝަހްސަކީ ޖެނެރަލް ސުލައިމާނީއެވެ.

ކަތާއިބު ހިޒްބުﷲގެ ކޮމާންޑަރު އަބޫ މަހްދީ އަލް-މުހާންދީސްއާއި ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ ގަބުރު، އިރާގުގެ ކަރުބަލާގައި/ފޮޓޯ: ރޮއިޓާޒް

ސުލައިމާނީގެ ޖަނާޒާގެ މަންޒަރުތަކަށް ބަލާއިރު ތެހްރާންގެ މަގުތައް ފުރާލި މީހުން ވަނީ ފެންކަޅިވެފައެވެ. އަނެއްބައި މީހުން ބާރަށް ރޮއެ ހަދާފައިވާއިރު ގިނަ ބަޔަކު ދިޔައީ ސުލައިމާނީ ފޮޓޯ ވިހުރަމުންކަން ފާހަގަކުރެވެއެވެ. ޖަމާވެފައި ތިބި މީހުންގެ ކޮނޑާ ބޯ މަތިން ޖެނެރަލް ސުލައިމާނީގެ ސަންދޯއް އުފުލާފައިވާއިރު، އެމީހުން ގޮވަމުންދިޔައީ 'އެމެރިކާ ނެތިކޮށްލުމަށް' ކަމަށް ޚަބަރު ލިބެއެވެ.

ޖެނެރަލް ސުލައިމާނީގެ އަންހެން ދަރިފުޅު، ޒައިނަބު ސުލައިމާނީވެސް ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން ބައްޕަގެ މަރާ ގުޅިގެން އެމެރިކާއަށް ދެން އޮތީ 'އަނދިރި ދުވަހެއް' ކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ. އަދި އެއީ ހަމައެކަނީ އޭނާގެ ބައްޕަ 'ޝަހީދު' ކޮށްލުމުގެ ބަދަލު ނޫންކަމަށްވެސް ޒައިނަބު ސުލައިމާނީ ވަނީ ބުނެފައެވެ.

ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީގެ އަންހެން ދަރިއަކުވަނީ އޭނާގެ ބައްޕަގެ ލޭގެ ބަދަލު ހޯދާނީ ކޮން އިރަކުންތޯ އީރާނުގެ ރައީސް ހަސަން ރޫހާނީ (ކ) އާއި ސުވާލުކޮށްފައި/ފޮޓޯ: އީޕީއޭ

ސުލައިމާނީގެ މައްޗަށް ކަށު ނަމާދުކޮށްފައިވާއިރު، އޭނާގެ ހަށިގަނޑު ދެން ގެންދާނީ ޝީއީންގެ މަރުކަޒީ ސަރަހައްދެއްގެ ގޮތުގައި ބަލަމުން އަންނަ ޤޯމްއަށެވެ. އެއަށްފަހު ސުލައިމާނީ ވަޅުލަން ހަމަޖެހިފައިވަނީ ކިރްމާންގައި ކަމަށާ، އެކަން ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ އަންގާރަ ދުވަހަށް ކަމަށް މައުލޫމާތު ލިބެއެވެ.