އާދަޔާ ހިލާފަށް ހޫނުގަދަވެ ހަނަފަސްކަން ކުރިމަތިވެ، ނުރައްކާ ދަރަޖައަކަށް ވަރުގަދަ އަލިފާންގަނޑުތަކެއް ފެތުރެމުންދާ އޮސްޓްރޭލިއާގައި ދިރިއުޅޭ މުސްލިމުން އިސްތިސްޤާ ނަމާދުކޮށްފިއެވެ.

ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވަނީނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދުކޮށް ދުޢާކުރުމީ ސުއްނަތެއްކަމަށްވީއިރު، އޮސްޓްރޭލިއާގައި މި ނަމާދުކޮށްފައިވާ މި ދަނޑިވަޅަކީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ ގައުމުގެ އެކި ހިސާބުތަކުގައި ވަރުގަދަ އަލިފާންގަނޑުތަކެއް ރޯވެ، 23 މީހެއްގެ ފުރާނަ ގެއްލި އިތުރު އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ ދަނޑިވަޅެކެވެ.

އޮސްޓްރޭލިއާގައި ޖަމާއަތުގައި އިސްތިސްޤާ ނަމާދު ކުރަނީ. ނަސޯރާއިންވެސް ވަނީ ޚުތުބާއާއި ދުއާގައި ބައިވެރިފައި ކަމަށް ޚަބަރުތައް ބުނޭ/ފޮޓޯ: އެފްބީ

އެޑިލޭއިޑް ބޮނީތަން ޕާކުގައި ކުރިއަށްދިޔަ އިސްތިސްޤާ ނަމާދު ޖަމާއަތުގައި 50އަށްވުރެ ގިނަ މުސްލިމުން ބައިވެރިވި ކަމަށް ޚަބަރު ލިބެއެވެ. މި ޖަމާއަތުގައި ޚުތުބާ ދެއްވި ޕްރޮފެސާ މުޙައްމަދު ޢަބްދުﷲ ވަނީ ހުރިހާ ކަމެއްގައިވެސް އެންމެ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ މާތް ﷲ ސުބްހާނަހޫ ވަތައާލާއަށް ބަރޯސާވެ ވަކީލު ކުރުމާ، ތައުބާ ވުމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ. މި ޚުތުބާ އަޑުއެހުމަށް ނަސޯރާއިންވެސް ހާޒިރުވި ކަމަށް މައުލޫމާތު ލިބެއެވެ.

ވާރޭނުވެހި ގިނަ ދުވަސްވުމުން ރާއްޖޭގައިވެސް އިސްތިސްޤާ ނަމާދުކުރެއެވެ.