ކޮމިޝަނާ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒް ކ. މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވީ ރިމާންޑުގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ.

މުނާޒް މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވުމަށްފަހު ކަރެކްޝަންސް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، މުނާޒާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް، މިއަދު ޖަލަށް ޒިޔާރަތް ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ރިމާންޑް ޖަލުގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށްޓަކައި ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ، މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގި ރިމާންޑް މީހުންގެ ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުން ދިއުމާއި ބޭސް ފަރުވާގެ އިންތިޒާމް އެމީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުން ކަމަށެވެ. އަދި މިއީ އެ ސާވިސް އިން ކަންބޮޑުވާ ކަމެއް ކަމަށް އެ ސާވިސް އިން ބުނެއެވެ.

ކަރެކްޝަންސް އިން ބުނީ، ރިމާންޑްގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން މީހުން އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރުމަށް މިއަދު ފުލުހުންގެ ދެ އޮފިސަރުން ޖަލަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، ފުލުހުން ޖަލަށް ޒިޔާރަތް ކުރީ އެސިސްޓެންޓް ކޮމިޝަނަރާ އެކު ބައްދަލު ވުމަކަށް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރިމާންޑް މީހުންގެ ތަހުގީގު އަވަސް ކޮށްދިނުމަށް އެދިފައިވާ ކަމަށާއި، ބައްދަލުވުމަށްފަހހު ކަރެކްޝަންސްގެ އޮފިސަރުންނާއެކު ގޮޅި ބަލާފާސްކުރި ގަޑީގައި ގޮޅި ބަލާފާސްކުރާ ގޮތް ބަލާފައިވާ ކަމަށެވެ. ނަމަވެސް މިއަދު ޖަލުގައި ފުލުހުން އެއްވެސް ތަހުގީގެއް ހިންގާފައި ނުވާ ކަމަށާއި ގޮޅިތައް ބަލާފާސްކުރުމުގައި ވެސް ހަރަކާތްތެރިވެފައި ނުވާ އިޒްމިއާ ވިދާޅުވިިއެވެ.

ކަރެކްޝަންސް އިން ބުނީ، މިއަދު ރިމާންޑްގައި ތިބި މީހުންނާއި އޮފިސަރުންނާއި ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ރިމާންޑް މީހުން ހިތްހަމަނުޖެހި އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖަހަމުން ގެންދިޔަ ނަމަވެސް ޖަލު އޮފިސަރުން މަސައްކަތް ކުރީ ކެތްތެރި ކަމާއެކު އެމީހުންނަށް ވިސްނައި ދިނުމަށް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަންސް އިން މިފަދަ ނޫސް ބަޔާނެއް ނެރެފައި ވަނީ މުނާޒް ފުލުހުންނާއެކު ކ. މާފުށީ ޖަލަށް ވަނދެ ގައިދީންނަށް އަނިޔާ ކުރާމުންދާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. އެގޮތުން ބައެއް ގައިދީންނަށް ހަމަލާދީ އެމީހުން ގަޔަށް ކަރުނަ ގޭސް ޖަހާފައިވާ ކަމަށާއި ގައިދީން ތިބީ ގޮޅިތަކުން ނެރެ، ކުޑަކަކުލަށް ތިރިކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. މާފުށީ ޖަލުން 'ދަ ޕްރެސް' އަށް މައުލޫމާތުދިން މީހަކު ބުނެފައިިވާ ގޮތުގައި، ފުލުހުންނާއި މުނާޒް އަދި އީއެސްޖީ އޮފިސަރުން ވަނދެ ރިމާންޑުގައި ތިބި މީހުންނަށް އަނިޔާ ކުރީ، އެއްވެސް ކަމެއް ނުކޮށް މަޑު މަޑުން ހުއްޓާ ކަމަށެވެ.

މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަނިޔާ ކުރަމުންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް މާލޭ ޖަލުގައި ތިބި ގައިދީން ވެސް ދަނީ އިހުތިޖާޖު ކުރަމުންނެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭ ޖަލުގައި ތިބި ގައިދީން ދަނީ ގައިދީންނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި، އަދުގެ ވެރިން ގާނޫނަށް އަމަލު ކުރުމަށް ގޮވާލާ އަޑުގަދަ ކުރަމުންނެވެ.