ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާނެ ކަމަށް އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު އިއުލާނު ކުރައްވައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް ނިންމާފައިވާ ކަން އިއުލާނު ކުރައްވަމުން އަނަސް ވިދާޅުވީ މާލެއަށް ހުރި ގޮންޖެހުންތައް ހައްލުކޮށް ދެއްވާނެ ކަމަށެވެ. އެގޮތުމް، މާލޭ ރައްޔިތުންނާއި ރަށްވެހިންނަށް ހިންދެމިލައިގެން އުޅެވޭނެ އަމާންކަމާއި، ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް މާލެ ސިޓީ ހައްދަވައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނަސް ވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަކުރައްވާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހެވެ. މި އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް 19 މެންބަރުން އިންތިހާބު ކުރާނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ދާއިރާ އަކީ މާލެ ސިޓީގެ ދާއިރާއެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރީމް މަހު ބާއްވަން ހަމަޖެހިފައި ވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް ފަސް ބޭފުޅަކު ވަނީ އިއުލާން ކޮށްފައެވެ.

މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ ފަރާތްތަކުގެ ތެރޭގައި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އިތުރުން މިހާރު މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހިމެނެއެވެ.