ބޮޑުވަޒީރު ނަރޭންދްރާ މޯދީއާ ދެކޮޅަށް ވަރުގަދަ ޝިއާރުތަކެއް ބޭނުންކޮށް، އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކުގައި 100000 އެއްހާ މީހުން ބައިވެރިވި ވަރުގަދަ އިހުތިޖާޖެއް ކޮށްފިއެވެ.

ސުލްހަވެރި ހިނގާލުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި އިހުތިޖާޖަކީ، އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ)އާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް މައުލޫމާތު ލިބެއެވެ.

'މިލިއަން މާޗް'ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ހައިދަރުއާބާޑު ސިޓީގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާ މުސްލިމު ޖަމާއަތްތަކުގެ އިއްތިހާދަކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. 7 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ހައިދަރުއާބާދު ސިޓީގެ 40 ޕަސެންޓް މީހުންނަކީ މުސްލިމުންނެވެ.

އިހުތިޖާޖުގެ ބައިވެރިންވަނީ ސީއޭއޭ އުވާލުމަށް ޑިމާންޑްކޮށްފައެވެ.

މި އިހުތިޖާޖުގެ އިތުރުން ކަރުނާޓަކާ ސްޓޭޓްގައިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ސީއޭއޭއާއި ދެކޮޅަށް އެއްވުންތައް ބާއްވާފައެވެ. މީގެ އިތުރުންވެސް އިންޑިއާގެ އެކި ހިސާބުތަކުގައި، ސީއޭއޭއާއި ދެކޮޅަށް ސިލްސިލާ އިހުތިޖާޖުތަކެއް ދަނީ ކުރަމުންނެވެ.

އިންޑިއާގެ ރަށްވެހިކަމަށް ގާނޫނަށް ގެނައި އިސްލާހަކީ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި ނުހައްގުން އަނިޔާ ލިބޭކަމަށް ބުނެ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް ހިޖުރަކޮށްފައިވާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހަޅުމަށް ފުރުސަތު ފަހިކުރާ ގޮތަށް ގާނޫނަށް ގެނައި ބަދަލެކެވެ.

ސީއޭއޭއާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، މި މުޒާހަރާތަކުގެ ތެރޭގައި ހިންގި އެކި ހަމަނުޖެހުންތަކާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 27 އަށް އަރާފައެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ)ގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ފަތުރަމުން ދަނީ ދޮގު މައުލޫމާތު ކަމަށް ވިދާޅުވެ، އެ ގާނޫނީ އިސްލާހުގައި ބައެއްގެ ރަށްވެހިކަން ގެއްލިދާފަދަ އެންމެ މާއްދާއެއް އޮތް ނަމަ އެ މާއްދާއެއް ހާމަކޮށްދެއްވުމަށް އެދި، އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓި ކަމަށްވާ ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީއަށް، އެގައުމުގެ ޔޫނިއަން ހޯމް މިނިސްޓަރު އަމީތު ޝާހް ގޮންޖައްސަވާފައެވެ.