އެމެރިކާގެ ޑްރޯން ހަމަލާއެއްގައި މިދިޔަ ހުކުރު ދުވަހު މަރާލި އީރާނު އަސްކަރިއްޔާގެ އިސް ކޮމާންދާރު ޖެނެރަލް ގާސިމް ސުލައިމާނީގެ ބޮޑު ޖަނާޒާ ނިންމާލިތާ ކުޑަ ވަގުތު ކޮޅެއް ފަހުން، އިރާގުގެ ވެރިރަށް ބަގުދާދުގައި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ބަގުދާދުގައި ހުންނަ އެމެރިކާ އެމްބަސީ ހިމެނޭ ގްރީން ޒޯން ސަރަހައްދަށްވެސް ހަމަލާ އަމާޒުވިއިރު، ގިނަ ހަމަލާތައް އަމާޒުވެފައިވަނީ،އިރާގުގައި އެމެރިކާގެ އަސްކަރީ ފައުޖުތައް މަރުކަޒުވެގެން ތިބޭ ބޭސް ހިމެނޭ ބަލާދް އެއާ ބޭސް ސަރަހައްދަށް ކަމަށް ޚަބަރު ލިބެއެވެ.

ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީގެ އަންހެން ދަރިއަކުވަނީ އޭނާގެ ބައްޕަގެ ލޭގެ ބަދަލު ހޯދާނީ ކޮން އިރަކުންތޯ އީރާނުގެ ރައީސް ހަސަން ރޫހާނީ (ކ) އާއި ސުވާލުކޮށްފައި/ފޮޓޯ: އީޕީއޭ

މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އިރާގުގެ ސަލާމަތާ ބާރުތަކާ ހަވާލާދީ ބީބީސީއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މި ހަމަލާގެ ޒިންމާވެސް އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާއިން ޓެރަރިސްޓެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ސުލައިމާނީ މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު، ވަރުގަދަ ރޫހެއްގައި ހިފާނެ ކަމުގެ އިންޒާރު، އީރާނުން ވަނީ ދީފައެވެ.

ސުލައިމާނީގެ މަރާ ގުޅިގެން ބަގުދާދުގައި ކުރިއަށް ގެންދިޔަ ޖަނާޒާއަކީ، ޑްރޯން ހަމަލާގައި މަރުވެދިޔަ ސުލައިމާނީގެ ހަށިގަނޑު އީރާނާ ހަވާލުކުރުމުގެ ކުރިން ކުރިއަށްގެންދިޔަ ޖަނާޒާގެ ބައެއް ކަމަށް ޚަބަރު ލިބެއެވެ. ޖަނާޒާގައި ބައިވެރިވި މީހުން ވަނީ އެމެރިކާގެ ނެތިދިއުމަށް ގޮވާލާ، އަޑުއުފުލާފައެވެ.