އީރާނުގެ 52 ސައިޓަކަށް އެމެރިކާގެ އަސްކަރީ ރާޑަރުތައް އަމާޒުކޮށްފައިވާކަމަށާ، އީރާނުން ހަމަލާއެއް ދީފިނަމަ 'ފިސާރި ހަލުވިކަމާއެކު ވަރުގަދަ ހަމަލާތަކެއް' އެމެރިކާއިން ރައްދުގައި ދޭނެކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އިންޒާރުގެ މެސެޖެއް ދެއްވައިފިއެވެ.

ޓްރަމްޕް މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ، އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ގޮތްޕެއް ކަމަށްވާ އީރާނިއަން ރިވަލޫޝަނަރީ ގާޑްސްގެ ގުދުސް ފޯސް ޔުނިޓް ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާނީގެ މަރާ ގުޅިގެން އޭގެ ރައްދުގައި 'ކޮންމެ ފަދަ ދަނޑިވަޅެއްގައި، ކޮންމެ ފަދަ ހަމަލާއެއް'ވެސް ދީފާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާ ދަނޑިވަޅެއްގައެވެ.

ޖެނެރަލް ސުލައިމާނީ މަރާލާފައިވަނީ އިރާގުގެ ވެރިރަށް ބަގުދާދުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް އަމާޒުކޮށް، އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ. އެމެރިކާގެ އަސްކަރިއްޔާއިން މި ހަމަލާ ދީފައިވަނީ ޓްރަމްޕް އޯޑަރަކަށް ކަން، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)އިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ިއީރާނު އަސްކަރިއްޔާގެ އެންމެ ނުފުޒޫގަދަ ގޮފިތަކުގެ ތެރޭގައި ހިމެނޭ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާން (މ) އަވަހާރަކޮށްލިކަން އެމެރިކާއިން ވަނީ ކަށަވަރުކޮށްދީފަ/ފޮޓޯ: އޭއެފްޕީ

އީރާނުގެ އިންޒާރުތަކަށް ހަރުކަށި ރައްދެއް ދެއްވަމުން ޓްރަމްޕް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ، އީރާނުގެ 52 ސައިޓެއް އެމެރިކާގެ ރާޑަރަށް ނަގާފައިވާކަމަށާ، އެ ތަންތަނުގެ ތެރޭގައި އީރާނަށް މުހިންމު ތަންތަން ހިމެނޭ ކަމަށެވެ. އެގޮތުން މަތީ ފަންތީގެ ތަންތަނާ، އީރާނުގެ ސަފާގަފާތަށް މުހިންމު ތަންތަންވެސް މި ލިސްޓުގައި ހިމެނޭ ކަން ޓްރަމްޕްވަނީ ފާހަގަކުރައްވާފައެވެ.

ކަނޑައެޅިގެން ހިސާބު އަދަދުން '52' ކަނޑައަޅާފައިވަނީ، އީރާނުގައި ހުންނަ އެމްބަސީ ތެރެއިން އީރާނުން ރަހީނުކޮށް އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން ބަންދުކޮށްގެން ގެންގުޅުނު އެމެރިކާ ރައްޔިތުންގެ އަދަދު ރަމްޒެއް ކަމުގައި ބަލައިގެން ކަމަށް ޚަބަރު ލިބެއެވެ. މިއީ 1979ވަނަ އަހަރު ހިނގާދިޔަ ވަރުގަދަ ޑިޕްލޮމެޓިކް ހަނގުރާމައެކެވެ.