އާދަޔާ ހިލާފަށް ގަދައަށް ޖެހެމުންދިޔަ ވައިގެ މިސްރާބު ބަދަލުވުމާއެކު، އޮސްޓްރޭލިއާގައި އަލިފާން ނިއްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.
ގަޑިއަކު 80 މޭލު ބާރު މިނުގައި ޖެހެމުންދާ ގަދަ ވައިގެ މިސްރާބު ދެކުނަށް ބަދަލުވެފައިވާއިރު، ނިއު ސައުތް ވޭލްސް ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑުތައް އިތުރަށް ފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ނިއު ސައުތް ވޭލްސްގެ އަވަށްޓެރި ވިކްޓޯރިއާ ސްޓޭޓުގެ ހާލަތަށް ބަލާއިރު، އަސްކަރީ ހެލިކޮޕްޓަރުތަކުން މިހާރު ދަނީ އަލިފާންގަނޑުތަކުގެ ތެރޭގައި ތާށިވެފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރޯވެ އަނދަމުންދާ އަލިފާންގަނޑުތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 23އަށް އަރާފައިވާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދުވެސް މަދެއް ނުނެވެ. އަލިފާނުގެ ހާދިސާތަކާ ގުޅިގެން 1200 އެއްހާ ގެ އަނދާ އަޅިއަށްވެފައިވާއިރު، އެތައް މިލިއަން ހެކްޓަރެއްގެ ބިންވެސް ވަނީ އަނދާފައެވެ. މީޑިއާގެ ސަމާލުކަން ނިއު ސައުތް ވޭލްސް ސަރަހައްދަށް ހުއްޓިފައި އޮތް ނަމަވެސް، އަލިފާންގަނޑުތަކުގެ އަސަރު ސީދާ ގޮތުންނާ ނުސީދާ ގޮތުން ނުކުރާ އެއްވެސް ސްޓޭޓެއް އަދި ޓެރިޓަރީއެއްވެސް އޮސްޓްރޭލިއާގައި މިހާރު ނެތްކަމަށް ޚަބަރު ލިބެއެވެ.
ކަންމިހެން އޮތްއިރު، އިއްޔެގެ ވަގުތުތަކުގައި އޮސްޓްރޭލިއާގެ ބައެއް ހިސާބުތަކަށް ފިނިހޫނު މިން 48.9 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެކި ހިސާބުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ވަރުގަދަވެ، ދުންގަނޑު ބޯވެފައިވާއިރު އެ ސަރަހައްދުތަކުގެ މޫސުމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. އެގޮތުން ނަގޫރޯޅިތަކާ ވިދާ ގުގުރުމުގެ ތުފާންތައްވެސް ކުރިމަތިވާކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ވެލީގެ ބޮޑު ތޫފާނެއް ފެނުނު ކަމަށް ބީބީސީގެ ރިޕޯޓަރަކު ވަނީ ބުނެފައެވެ.
އާދަޔާ ހިލާފަށް ހޫނުގަދަވެ، ގަދަވަޔާއެކު އޮސްޓްރޭލިއާގެ އެކި ހިސާބުތަކަށް އަލިފާންގަނޑުތައް ފެތުރެމުންދަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި މޫސުން އޮތް ގޮތުން ކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.