ބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު 'ޑައިޕާ' ހަޔާތާ ދުރުކޮށް، ފާހާނާ ނުވަތަ ޕޮޓީއަކަށް ގަޟާހާޖާ ކުރަން ދަސްކޮށްދިނުމަކީ ކޮންމެ ބެލެނިވެރިއަކުވެސް އެންމެ ހުށިޔާރުވާންޖެހޭ އެއް ޒިންމާއެވެ. ބައެއް ކުދިންނަށް ކަމުދާ އުކުޅުތަކަކީ އަނެއް ބައި ކުދިންނަށް އެ ކަމުގެ ސަބަބުން ފައިދާއެއް ކުރާނެ އުކުޅުތަކަކަށް ނުވެ ހިނގައިދާނެއެވެ. އެކަކަށް ރަނގަޅު ގޮތް، އަނެކާއަށް ގޯސްވެސް ވެދާނެއެވެ. ދޮށީ ދަރިފުޅަށް ބޭނުންކުރި ސިއްރުތައް، ހަގު ދަރިފުޅަށް ކަމުނުގޮސްދާނެއެވެ. މިހުރިހާ ކަމެއްގައި އާންމު އެއް ކަމެއް އޮވެއެވެ. އެއީ ކެތްތެރިކަމެވެ. ދަރިފުޅު ޕޮޓީ-ޓްރެއިން ކުރަން މަސައްކަތްކުރާއިރު، ވަކިން ހާއްސަކޮށް ފާހާނާއަށް ބޮޑުކަމުދާން ދަސްކޮށްދިނުމުގައި ކެތްތެރިކަން ފިޔަވާ އިތުރު އެއްވެސް ހުނަރެއް ބޭނުމެއް ނުވެއޭވެސް ދެންނެވިދާނެއެވެ.
ކަންމިހެން އޮތްއިރު، ޑައިޕަރުގެ ހަޔާތުން އެހެން ހަރުފަތަކަށް ދަރިފުޅު ގެންދަންވީކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ އެކި ކުދިން ދޭނީ އެކި އިޝާރާތެވެ. މިއިން ކޮންމެ ކަމަކަށްވެސް ސަމާލުވުން ބުއްދިވެރިއެވެ.
ޕޮޓީ-ޓްރެއިން ކުރަން ވިސްނަން ފަށަންވީ ބައެއް ނިޝާންތައް:
- އަމިއްލަ ހިނގާބިނގާވެ އުޅެން އެނގި، އިށީނދެ، ތެދުވެ ހަދާ އުޅެން އެނގުން
- ޑައިޕާ ހަޑިވުމުން އެލައިގެން ހުންނަން ބޭނުން ނުވާކަމުގެ އިޝާރަތެއް ދައްކާލުން. ބައެއް ފަހަރު މޫނުމައްޗަށް އަންނަ ބަދަލުތަކުން، ނުވަތަ ބޭރުކުރާ ލަފުޒަކުންވެސް މިކަން ފާހަގަކުރެވޭނެ
- އަމިއްލައަށް އަންނައުނު ލާން، އަދި ބާލަން އެނގުން
- ކުޑަކަމު ދާން ނުވަތަ ބޮޑުކަމުދާން ބުނަން އެނގުން ނުވަތަ އެކަމަށް އިޝާރާތްކުރާ ބަސްތަކެއް، އެކަށީގެންވާ ގަޑީގައި ބުނަން އެނގުން
- ބޮޑުކަމުދާ ގަޑިތަކަކީ ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކެއް ކަމުގައި ހަމަޖެހި، ކުށްލި ކުށްލިއަކަށް ބޮޑުކަމު ގޮސްފައި ހުންނަ ހުރުން ހުއްޓުމަކަށް އައުން
- މަންމަ ނުވަތަ ބައްޕަ ފާހާނާއަށް ދާން އުޅުމުން، ފަހަތުން ދާން އުޅުން
- ދުވާލެއްގެ މައްޗަށް ޑައިޕާ ބަދަލުކުރަންޖެހޭ މިންވަރު މަދުވުން ފަދަ އަލާމާތްތައް ހިމެނެއެވެ.
ނިންމުން
ހަނދާން ކުރަންވީ ކަމަކީ، ދަރިފުޅުގެ އުމުރާ އެއްވަރަށް އެ ދަރިފުޅު ހެދިބޮޑުވަމުން އަންނަ ކަމުގެ ސިއްކައަކީ އެކަނި ފާހާނާ ކުރަން ދަސްވުން ނުވަތަ ޑައިޕާ ހަޔާތާ ދުރުވުން ކަމުގައި ދެކިގެން ނުވާނެ ކަމެވެ. އަނެއްކާވެސް ބުނަންޖެހޭނީ ކެތްތެރިކަމުގެ ވާހަކައެވެ. ކިތަންމެ ވަރަކަށް ތައްޔާރުވި ކަމުގައި ވީނަމަވެސް، ޕޮޓީ-ޓްރެއިން ކުރާ މަރުހާލާގައި 'ހާދިސާތަކެއް' ހިނގާފާނެކަން ގަބޫލުކުރަން ވާނެއެވެ. އެފަދަ ކަމެއްވެއްޖެ ނަމަ އެ ދަރިފުޅަށް އަޑުލައި ނުހަދާށެވެ. އެކަމުން ދަރިފުޅަށް ނޭދެވޭ އަސަރު ކުރުން އޮންނާނީ މާ ދުރަކު ނޫނެވެ.
ޕޮޓީ-ޓްރެއިން ކުރުމުގެ މަރުހަލާ ގުޅިފައިވަނީ ދަރިފުޅު ހެދިބޮޑުވަމުން އަންނަ އުސޫލާ އެކުގައިކަންވެސް ދަންނަންޖެހެއެވެ. އެންމެ މުހިންމު ކަމަކީ، ތިބާގެ ދަރިފުޅު އެހެން މީހުންގެ ދަރިންނާ އަޅާ ނުކިއުމެވެ. އަދި ތިބާގެ އެހެން ދަރިންނާވެސް އެ ދަރިފުޅު އަޅާ ނުކިއުމެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން އަބަދުވެސް ހަނދާން ކުރަންވާނެއެވެ.