ހަތިޔާރު ތޫނުކޮށްގެން ސަރުކާރު ބަދަލުކުރުމަށް މަގުމައްޗަށް ނުކުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވުމުން އޭނާއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައެވެ. އެގޮތުން އެ އިންޒާރުގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ އެފަދަ ބަސްތަކަކީ "ހަރުކަށި ފިކުރުގެ" އަމަލެއް ކަމަށްވެސް ބައެއްމީހުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ބައެއް މީހުން އެކަމަށް ފާޑުކިއާ ބުނެފައި ވަނީ ލަތީފް ވާހަކަދައްކަވާފައިވަނީ އަނިޔާވެރިކަމުގެ އަމަލުތައް ހިންގުމަށާއި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށެވެ. އަދި ހަތިޔާރު ހިފައިގެން ސަރުކާރު ޖަވާބުދާރީކުރުވަން ގާނޫނީ އިމުގެ ތެރެއިން ނިކުންނާނީ ކިހިނެއްތޯ ވެސް އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެހެންކަމުން ބައެއް މީހުން ވަނީ ވަގުތުން ލަތީފް ހައްޔަރުކޮށް މިއީ މައްސަލައެއްގެ ގޮތުގައި ބަލާ ތަހުގީގު ކުރުމަށް ދަނީ ގޮވާލަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމްގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސައެއްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މި ސަރުކާރުގައި ހިންގުންތެރިކަމެއް އަދި ގާބިލުކަމެއް ވެސް ނެތް ކަމަށާއި އެކަން އެގޮތައް ވަނީ ނާގާބިލު ވެރިއަކާ ގައުމު ހަވާލު ކުރުމުން ކަމަށެވެ.

އަދި ގައުމު އެފަދަ ބައެއްގެ އަތަށް ދީގެން އަބަދު ނުތިބޭނެ ކަމަށާއި ސަރުކާރު "ކުދިކޮށް ކޮށައިގެން" އަނބުރާ ހޯދާނެ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި ރައްޔިތުން ހަތިޔާރު ތޫނުކޮށްގެން ސަރުކާރު ވައްޓާލަން ނިކުންނަން ލަތީފް ގޮވާލިއެވެ.

މިހާރުގެ ސަރުކާރު ވައްޓާލަން ގޮވާލަމުން އަންނައިރު ލަތީފަކީ މި ސަރުކާރު ވެރިކަމަށް ގެންނަން ވެސް މަސައްކަތް ކުރެވި ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ހުންނެވުމަށް ފަހު 2017 ވަނަ އަހަރުގެ ތެރޭގައި ގިނަ މެންބަރުން އިދިކޮޅާ ގުޅުނު އިރު ލަތީފް ވެސް އިދިކޮޅަށް އަރައި މަސައްކަތް ކޮށްފައިވެއެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގައި ދިމާވި ނާކާމިޔާބީއަށް ފަހު އޭނާ އަނެއްކާވެސް ވަނީ ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރަން ފައްޓަވައިފައެވެ.