އީރާނު އަސްކަރިއްޔާގެ އެންމަ މަތީ ރޭންކުތަކުގައި ހިމެނޭ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަމުރު ކުރެއްވިކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)އިންވެސް އެއްބަސްވެއެވެ. މިއާއެކު، ބައިނަލްއަގުވާމީ ފެންވަރުގައި އެއް ރާގަކަށް ކުރަމުންދާ އެއް ސުވާލަކީ، އެފަދަ އަމުރެއް ކުރެއްވުމަށް ޓްރަމްޕަށް ހައްގު ލިބިގެންވޭތޯއާއި، ސުލައިމާނީ މަރާލުމަށް ޓްރަމްޕް ކުރެއްވި އަމުރަކީ ގާނޫނީ އިމުގެ ތެރެއިން ކުރެއްވި އަމުރެއްތޯ ކުރެވޭ ސުވާލެވެ.

ޓްރަމްޕްގެ އަމުރަކަށް އީރާނުގެ ޖެނެރަލް ސުލައިމާނީ މަރާލުމަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަންގެ ދިފާއުގައި ޕެންޓަގަންއިން ބުނީ އެ ހަމަލާއަކީ، އިރާގްއާއި އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުންދޭ ކޯލިޝަންގެ މެމްބަރުންނަށް އަމާޒުކޮށް ގުދުސް ފޯސްއިން ދިން ހަމަލާތަކުގައި ފުރާނަ ގެއްލިދޔަ އެތައް ސަތޭކަ ބަޔަކާ، ޒަހަމްވި އެތައް ހާސް މީހުންނެއްގެ ހައްގުގައި ދިން ހަމަލާއެއް ކަމަށެވެ.

އީރާނު ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަށް ހިންގި އޮޕަރޭޝަނަށްފަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނޫސްވެރިންނާ ބައްދަލުކުރައްވަނީ/ފޮޓޯ: ޓޮމް ބްރެނާ

ޓްރަމްޕްއާއި ޓްރަމްޕްގެ އަރިސް ސިޔާސީ ފަރާތްތަކުން ވަކާލާތު ކުރާ ގޮތުގައި، ޖެނެރަލް ސުލައިމާނީ މަރާލުމަށް ޓްރަމްޕް ކުރެއްވި އޯޑަރަކީ ގާނޫނީ އިމުގެ ތެރެއިން ކުރެއްވި އަމުރެކެވެ. އެހެނީ، ހަމަލާއަކުން އެމެރިކާގެ ފައުޖުތައް ސަލާމަތް ކުރެއްވުމަށް ފިޔަވަޅު އެޅުއްވުމަކީ އެމެރިކާގެ ރައީސްގެ އިހުތިސޯސްގެ ތެރޭގައި އޮތް ކަމެއް ކަމަށް ޓްރަމްޕްގެ ނިންމެވުން ދިފާއު ކުރައްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޖެނެރަލް ސުލައިމާނީ މަރާލުމަށް އެމެރިކާއިން ހިންގި އޮޕަރޭޝަނަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ވަރުގަދަ ހަމަލާތަކެއް ދިނުމަށް ސުލައިމާނީ ރާވަމުންދިޔަ ކަމަށެވެ. ނަމަވެސް އެމެރިކާއަށް އޭނާ އަތުވި ކަމަށާ، އޭނާގެ 'ދުވަސްދުއްވާލީ' ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން އެޅި ފިޔަވަޅަކީ ހަނގުރާމައެއްގެ ފެށުން ނޫންކަމަށާ، އެއީ ހަނގުރާމައެއް ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާނު ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމުން އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން/ފޮޓޯ: އަތޯ ކެނާރީ

ކަންމިހެން އޮތްއިރު އިދިކޮޅު ޑިމޮކްރަޓުން ބުނަމުންދަނީ، އެވަރުގެ ނިންމުމެއް ޓްރަމްޕް ނިންމަވަން ވާނީ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ކަމަށެވެ. ޑިމޮކްރަޓިކް ސެނެޓާ ކްރިސް މާފީ ވިދާޅުވީ، ޓްރަމްޕްގެ އަމުރަކީ ގާނޫނީ އިމުގެ ތެރެއިން ކުރެއްވި އަމުރެއްތޯ ނުވަތަ ނޫން ތޯ ބެލުމަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވިދާނެ ކަމަށެވެ.

މި ބަހުސް ކޮޅެއްގައި ޖެއްސެން އަންނަނީ، ސުލައިމާނީއާއި ދެކޮޅަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އެއްކޮށްފައިވާ ހެކިތަކުން ސާބިތުވާ އެއްޗެއްގެ މައްޗަށް ބަލައިގެންނެވެ. ނަމަވެސް، އެމެރިކާގެ ދިފާއީ ވުޒާރާއިންވެސް މިކަމާބެހޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އީރާނު ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމުން އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން/ފޮޓޯ: އާބިދީން ކިނާރީ

މެދުއިރުމަތީގެ މަސްރަހު ދިރާސާކުރަމުންދާ މުރާސިލުން ބުރަވާ ގޮތުގައި، މެދުއިރުމަތީގައި ހަނގުރާމައެއް ފެށެނީ އޮޅުމަކުން ނޫނެވެ. އެފަދަ ކަމެއް ހިނގަނީ ތަކުރާރުކޮށް އެޅެމުންދާ ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށްވާއިރު، ޖެނެރަލް ސުލައިމާނީ މަރާލުމަށް ހިންގި އޮޕަރޭޝަނަކީ ހަނގުރާމައެއްގެ ނުރައްކާ އާ ހަރުފަތަކަށް ގާތްކޮށްދިން ކަމެއް ކަމަށް ބުނެވެއެވެ.

އީރާނުންވަނީ ޖެނެރަލް ސުލައިމާނީގެ މަރުގެ ބަދަލު ހިފާނެ ކަމަށާ، އެކަން ކުރާނީ އެކަމަށް އެކަށީގެންވާ އެންމެ ރަނގަޅު ވަގުތުގައި ކަމަށް ބުނެ އިންޒާރުގެ ވަރުގަދަ މެސެޖެއް ދީފައެވެ.