އެމެރިކާއިން ދިން އަސްކަރީ ހަމަލާއެއްގައި އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލި ހަބަރާއެކު ދުނިޔޭގެ އިގުތިސޯދަށް ބޮޑެތި ލޮޅުންތަކެއް އަންނަން ފަށައިފިއެވެ.
އިރާގުގެ ވެރިރަށް ބަގުދާދުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް އެމެރިކާއިން ދިން ހަމަލާތަކެއްގައި ޖެނެރަލް ސުލައިމާނީ މަރާލާފައިވާކަން އެމެރިކާއިންވެ ސް ކަށަވަރުކޮށްދީފައިވާ އިރު، އެންމެ ބޮޑު ލޮޅުމެއް އަރާފައި ވަނީ ބައިނަލްއަގުވާމީ ތެލުގެ ވިޔަފާރިއަށެވެ. ސުލައިމާނީގެ މަރުގެ ހަބަރާއެކު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ 4 ޕަސެންޓް އަށްވުރެ ބޮޑަށް އުފުލިފައެވެ.
ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާދާއިރާއެއްގައި ސާފުނުކުރާ ތެޔޮ ސަޕްލައިކުރަމުންދާ ބްރެންޓް ކުންފުނީގެ އަގުތަކަށް ބަލާއިރު، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުން 4.4 ޕަސެންޓް ބޮޑުވެ، ފީފާއެއްގެ އަގު ވަނީ 69.16 ޑޮލަރަށް އަރާފައެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްއިން ވިއްކާ ތެޔޮ ފީފާއެއްގެ އަގުން 4.3 ޕަސެންޓް އުފުލި، ފީފާއެއްގެ އަގު ވަނީ 63.84 އަށް އުފުލިފައެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލިފައި މިވަނީ، ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ސަޕްލައިކުރަމުންދާ މެދުއިރުމަތީގައި އެމެރިކާއިން ހިންގަމުންދާ ގަޑުބަޑުގަނޑާއެކު، އިންވެސްޓަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައި އޮތުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
އެމެރިކާއިން މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ކުރަން ފަށާފައިރު، ބައިނަލްއަގުވާމީ މާލީ ބާޒާރަށްވެސް އެކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެގޮތުން އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، އޮސްޓްރޭލިއާ ޑޮލަރާ، ދެކުނު ކޮރެޔާގެ ފައިސާގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ.
މީގެ އިތުރުން ދިވެހިންނާ އެންމެ ގާތުން އިންޑިއާއަށް ބަލާއިރު، އެ ގައުމުގެ ފައިސާގެ އަގުވެސް ވަނީ ދަށަށް ގޮސްފައެވެ. އިންޑިއާގެ ފައިސާގެ ބާޒާރަށް ބަލާއިރު، އިންޑިއާ ފައިސާގެ އަގު ވަނީ، 0.26 ޕަސެންޓް ދަށަށް ގޮސްފައެވެ. މިހާރު އެވަރޭޖްކޮށް ޑޮލަރަކަށް ޖެހެނީ 71.5525 ރުޕީޒްކަމަށް ޚަބަރު ލިބެއެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމުރުފުޅަކަށް، އީރާނު އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ޖެނެރަލް ސުލައިމާނީ މަރާލުމާއެކު، އީރާނުން ދަނީ އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ. ކަންމިހެން އޮތްއިރު، އެމެރިކާއިންވަނީ އިރާގުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން އެގައުމުން ފޭބުމަށް ގޮވާލާފައެވެ.