އިރާގުގެ ވެރިރަށް ބަގުދާދުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް އަމާޒުކޮށް ހަމަލާ، އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ގޮތްޕެއް ކަމަށްވާ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަށް އެމެރިކާއިން ހިންގީ 'ބޯހަމަނުޖެހޭ' ނުރައްކާތެރި އަމަލެއް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވެއްޖެއެވެ.

ސުލައިމާނީ މަރާލުމާއެކު ކުރެއްވި ޓްވީޓްއެއްގައި ޒަރީފު ވިދާޅުވީ، އެމެރިކާއިން ހިންގާ 'ގޮތެއްފޮތެއްނެތް' އަމަލުތަކުގެ ނަތީޖާތަކުގެ ޒިންމާ، އެގައުމުން އުފުލަންޖެހޭނެ ކަމަށެވެ.

އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ގޮފި ކަމަށްވާ އީރާނިއަން ރިވަލޫޝަނަރީ ގާޑްސްގެވެސް އެންމެ މަތީ ގޮފިތަކުގެ ތެރޭގައި ހިމެނޭ ގުދުސް ފޯސްގެ ކޮމާންޑަރު ސުލައިމާނީ މަރާލާފައިވަނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އޯޑަރަކަށް ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)އިންވެސް ވަނީ ހާމަކޮށްފައެވެ.