އީރާނު އަސްކަރިއްޔާގެ އެންމެ އިސް ގޮފީގެ ގޮތުގައި ބަލަމުން އަންނަ އީރާނިއަން ރިވަލޫޝަނަރީ ގާޑްސްގެ މަތީ ފަންތީގެ ގޮތްޕެއް ކަމަށްވާ ގުދުސް ފޯސްގެ ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާން މަރާލައިފިއެވެ.
ގުދުސް ފޯސްގެ ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާން މަރާލާފައިވަނީ އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތަކުންނެވެ.
ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އޯޑަރަކަށް ކަން، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)އިންވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ މަރާލާފައިވަނީ ގައުމުން ބޭރުގައި ތިބި އެމެރިކާ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމުގެ މަގުސަދުގައި ކަމަށްވެސް ޕެންޓަގަންއިން ވަނީ ބުނެފައެވެ.
މި ވާހަކަތައް މީޑިއާއަށް ތިލަވެފައި މިވަނީ އިރާގުގެ ވެރިރަށް ބަގުދާދުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ހަމަލާތަކެއްދީ، ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވާކަމުގެ ރިޕޯޓްތަކެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ.
މި ހަމަލާއާއި ގުޅިގެން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް ވަނީ 4 ޕަސެންޓް އުފުލިފައެވެ.
ޖެނެރަލް ގާސިމް ސުލައިމާން މަރާލުމަކީ، އެކަމުގެ ތެރެއަށް އީރާނުން ވަންނާނެ ކަމެއް ކަމަށް މެދުއިރުމަތީގެ މަސްރަހު ދިރާސާކުރަމުންދާ މުރާސިލުން ބުނެއެވެ.
ޖެނެރަލް ގާސިމް ސުލައިމާންއަކީ އީރާނު ސަރުކާރުގެ އިސް ޝަހްސެކެވެ. އޭނާގެ ދަށުން ހިންގާ ގުދުސް ފޯސްއަކީ، ސީދާ، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީއަށް ރިޕޯޓްކުރަމުންދާ އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ގޮތްޕެވެ. މީގެ އިތުރުން ޖެނެރަލް ގާސިމް ސުލައިމާންއަކީ އެމީހަކަށް އީރާނުން ގައުމީ ބަތޮލެއްގެ ދަރަޖަވެސް އަރުވާފައިވާ މީހެކެވެ.
ޖެނެރަލް ގާސިމް ސުލައިމާން މަރާލާފައިވާ ޚަބަރު އާންމުވުމާއެކު، އެމެރިކާގެ ރައީސް ވަނީ އެގައުމުގެ ދިދައިގެ ފޮޓޯއެއް ހިމެނޭ ޕޯސްޓެއް ޓްވީޓްކުރައްވާފައެވެ.
1988 ވަނަ އަހަރުން ފެށިގެން އެ ގޮތްޕެއްގެ އިސް ކޮމާންޑަރުގެ ގޮތުގައި ޖެނެރަލް ގާސިމް ސުލައިމާން މަސައްކަތްކުރައްވަމުން ގެންދެވި އީރާނު ގުދުސް ފޯސްއަކީ، އީރާނު އަސްކަރިއްޔާގެ ފަރާތުން ގައުމުން ބޭރުގައި ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އެންމެ ވަރުގަދަ ގޮތްޕެވެ.