މުވައްޒަފުންނަށް ބިރު ދެއްކުމުގެ ފުރުސަތެއް އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އަދި ބޭރު މުވައްޒަފަަކަށް ވިޔަސް، އެއްވެސް ފަރާތަކުން ބިރު ދެއްކުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ކަމެއް ދިމާވެގެން އެ ރިސޯޓެއްގެ މެނޭޖްމަންޓުން މުވައްޒަފުންނާ ދެމެދުގައި އެއްބަސްވުމެއް ހެދުމަށް މިނިސްޓްރީން ހުރަސް ނާޅާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި އޭނާ ހުންނަވާތާ އެއް އަހަރު ދުވަސް ވެފައިވާ އިރު އެ މުއްދަތުގައި ކުރެއްވި މަސައްކަތް އޮޅުވައި ނުލެވޭނެ ކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަދި ލޭބާ ޕާޓީން ދެމުންދާ އިންޒާރުތަކާ ގުޅިގެން ކޮންމެ ރިސޯޓެއްގެ މެނޭޖްމަންޓުން އެރިސޯޓެއްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފެއްގެ ބޮލަކަށް 6.5 ޑޮލަރުގެ ނިސްބަތުން ޓީމަށް ފައިސާ ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް އޭނާ ނުދެއްވާނެ ކަމަށެވެ. އަލީ ވަހީދު އިޝާރާތް ކުރައްވާ ސިޓީއަކީ ކޮބައިކަމެއް ނޭނގެއެވެ. އަދި އެ ވިދާޅުވާ ނިސްބަތަށް ޓީމް އަދި ލޭބާ ޕާޓީއަށް ސާވިސް ޗާޖު ދައްކަން އަންގާކަންވެސް ސާފުވެފައެއް ނުވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރިސޯޓުތަކުން ދޭ ސާވިސް ޗާޖާއި އޮޑިޓް މައްސަލަތައް ފާހަގަވެފައިވާ ރިސޯޓުތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައި ވާއިރު، ދާދި ފަހުން ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރުގެ މަގާމުގައި މަސައްކަތް ކުރި އަހުމަދު ޝިމްހާޒް ވަޒީފާއިން ވަކި ކުރި މައްސަލަައަކާއި، ރިސޯޓު މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ކުޑަވުމުގެ ސަބަބުން އެ ކަމަށް މުވައްޒަފުން އަޑު އުފުލާ މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

ރިސޯޓުތަކުގެ މުވައްޒަފުން ކުރަމުންދާ މުޒާހަރާގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

ޝިމްހާޒްގެ ވާހަކަ މީޑިއާތަކަށް ތިލަވެގެން ދިޔައީ ހޮނޑާފުށީ ރިސޯޓުން ނުހައްގުން ވަޒީފާއިން ވަކިކުރިކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ މެންބަރުންނަށް ޝިމްހާޒު ފޮނުވި މެސެޖެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ހިސާބުންނެވެ. އެ މެސެޖުގައި ޝިމްހާޒު ބުނެފައި ވަނީ، އޭނާ ވަޒީފާއިން ވަކި ކުރަން އުޅޭ ކަމަށާއި، ވަޒީފާއިން ވަކިވި ކަމުގެ ލިއުމުގައި އޭނާ ލައްވައި ސޮއި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން، ފަރުވާކުޑަ ކަމަށް ބުނެ ރިސޯޓުން ވަޒީފާއިން ވަކި ކުރަނީ ނުޙައްގުން ކަމަށާއި، އޭނާ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ. އަދި އޭނާއަކީ ދުރު ހިސާބެއްގެ އަތޮޅެއްގެ މީހެއްކަމުން އެވަގުތު ވަޒީފާއިން ވަކިކޮށްފިނަމަ އުޅެން ޖެހޭނީ ވަރަށް ދަތި ހާލުގައި ކަމަށްވެސް ބުނެފައިވެއެވެ.

ލޭބާ ޕާޓީގެ ތަރުޖަމާނު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެފައި ވަނީ، ސާވިސް ޗާޖުގެ މައްސަލަ އާއި ހޮނޑާފުށި ރިސޯޓު މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައިގައި ލޭބާ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައި ވާނެ ކަމަށާއި މިހާ ބޮޑު މައްސަލައަކަށް މި މައްސަލަ ވެގެން ދާއިރު ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ. އަދި ސާވިސް ޗާޖުގެ މައްސަލައަކީ ރާއްޖޭގެ މެޖޯރިޓީ ރިސޯޓުތަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި ސާވިސް ޗާޖު ދެނީ ރަނގަޅައް ނޫންކަން ހާމަވެ ސުޓާފުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ކަމެއް ކަމަށް ވެސް މަޓޭ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ހޮނޑާފުށި ރިސޯޓުގެ ދެ މުވައްޒަފެއް މާރާމާރީއެއް ހިނގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި މާރާމާރި ހިންގާފަިއވަނީ ދިވެހި މުވައްޒަފަކާއި އިންޑިއާ މުވައްޒަފެއްގެ ދެމެދުގައެވެ. މި މައްސަލަ މިހާރު ފުލުހުން ބަލަމުންދާ އިރު އަދި އެ ރިސޯޓުގެ މެނޭޖްމަންޓުން ވަކި ޖަވާބެއް ނުދެއެވެ.