ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ހަލާކުވެފައިވާކަން ހާމަ ކުރެއްވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވެފައިވަނީ ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހަލާކުވެފައި ހުރި ކަމަށާއި އެ އުޅަނދުތައް މަރާމާތު ކުރުމަށް މި އަހަރު ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާ ގުޅިގެނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ވަސީލަތްތައް ހަލާކުވެފައިވާކަން އާންމު ކުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. ވަގުތާއި ހާލަތުގެ ނާޖާއިޒް ފައިދާ ބަޔަކު ނަގާފާނެ ކަމަށެވެ.

"ކޮންމެ ސަރުކާރަކުންވެސް އެތަންތަނުގެ ވަސީލަތްތައް މަރާމާތު ކުރާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުމާ ގުޅިގެން އާންމު ކުރެއްވި ވީޑިއޯ އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އާ ސަރުކާރު ވެރިކަމާ ހަވާލުވީއިރު ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި ކަމަށާއި އެހެން ކަމުން އެ އުޅަނދުތައް މަރާމާތު ކުރުުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ވަނީ ހަލާކުވެފައި އަޅުގަނޑުމެން އައިއިރު، އެހެންވީމަ ކޯސްޓްގާޑްގެ އުޅަނދުތައް މަރާމާތުކޮށް އަދި ކޯސްޓްގާޑްގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި މަސައްކަތްތަކެއް މިއަހަރުވެސް ކުރެވެމުންދާނެ،" މިނިސްޓަރު މާރިޔާ ވިދާޅުވެފައިވެއެވެ.