މަޝްހޫރު ލަވަކިއުންތެރިޔާ މަރާޔާ ކެރީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

އެކި ގޮތްގޮތުން ގިނަ ބަޔަކަށް ފުރައްސާރަކުރުންތަކެއް އަމާޒުކޮށް 50 އަށްވުރެ ގިނަ ޓްވީޓްއެއް މަރާޔާ ކެރީގެ އެކައުންޓް ހެކް ކުރުމަށްފަހު އެބަޔަކު އާންމުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މަޝްހޫރު ރެޕާ އެމިނެމްއަށްވެސް ބަހުގެ ވަރުގަދަ ހަމަލާތަކެއް މި އެކައުންޓްއިން ދީފައިވާކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެއެވެ.

މަރާޔާ ކެރީގެ ކުރީގެ ފިރިމީހާ ނިކް ކެނަންސްއާއި އެމިނެމްއާއި ދެމެދު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ވަނީ ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގާފައެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި މަރާޔާ ކެރީގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފައިވަނީ، ޓްވިޓާ ކުންފުނީގެ ސީއީއޯ ޖެކް ޑޯޒޭގެ ޓްވިޓާ އެކައުންޓް ހެކް ކުރުމުގެ ފަހަތުގައި އޮތް 'ޗަކްލިންގް ސްކޮޑް' ނަމަކަށް ކިއާ ހެކަރުންގެ ޖަމާއަތަކުންނެވެ.

ޓްވިޓާގެ ތަރުޖަމާނަކު ބުނީ މަރާޔާ ކެރީގެ އެކައުންޓް ހެކް ކުރި ކަމަށް ޝައްކުވި ހިސާބުން އެ ކައުންޓް ލޮކްކޮށް، އެ ޓްވީޓްތައް ޑިލީޓްކޮށްފައިވާނެ ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން މައްސަލަ ބަލަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ހަފުތާއަކީ މިއުޒީ ދާއިރާގެ އިތުރު ރެކޯޑެއް މަރާޔާ ކެރީ މުގުރާލި ހަފުތާއެކެވެ. އެގޮތުން ބިލް ބޯޑް ހޮޓް 100ގެ 1 ވަނަ މަގާމުގައި 4 ޑިކޭޑްގައި ހިމެނުނު ފުރަތަމަ އާޓިސްޓްގެ ރެކޯޑް މިހާރު އޮތީ މަރާޔާ ކެރީގެ އަތުގައެވެ.

އެކައުންޓް ހެކް ކުރުމުގެ ހާދިސާއާއި ގުޅިގެން މަރާޔާ ކެރީއަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.