ފެށިގެން މިދިޔަ އާ އަހަރަކާއެކު އެންމެ ގިނަ ބައެއްގެ އަމާޒު އެޖެންޑާގެ އެންމެ ކުރިން ޖާގަ ހޯދާފައި އޮންނާނެ އެއް ކަމަކީ ބަރުދަން ލުއި ކުރުން ކަމުގައި ދެންނެވުމަކުން ގޯހެއް ނެތެވެ. ކަންމިހެން އޮތްއިރު، ޒަމާނީ ފެޝަންގެ ތެރެއިން ތައާރަފުވެގެން އައިސްފައިވާ ވަރުގަދަ ޑައެޓްތަކާ، ޑިޓޮކްސް ސައިތަކާ ބުއިންތަކުން ދުރުވުމަށް، އިނގިރޭސިވިލާތުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ ޕްރެފެސާ ސްޓީވަން ޕަވަޒް މިވަނީ ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.

އިންގްލަންޑް ނޭޝަނަލް ހެލްތް ސާވިސަސްގެ އިސް ޑޮކްޓަރު ޕަވަޒް ވިދާޅުވާ ގޮތުގައި 'ޓީ-ޓޮކްސް' ތަކާ، ކާހިތް ކަނޑުވާ އެކި ކަހަލަ އުފެއްދުންތަކަކީ އެއްވެސް ހާލެއްގައި އަވަސް ހައްލެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ. ޕްރެފެސާ ޕަވަޒް ވިދާޅުވާ ގޮތުގައި މިފަދަ އުފެއްދުންތަކަކީ، އޭގައި ނުރައްކާތެރި ސައިޑް-އިފެކްޓްތަކެއްވެސް ހުންނަ އުފެއްދުންތަކެކެވެ. އެގޮތުން، ބޭރަށް ހިނގުމާ، ހިތުގެ އެކި ކަހަލަ މައްސަލަތަކާވެސް ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ދުޅަހެޔި ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ދުޅަހެޔޮ ގޮތެއްގައި ބަރުދަން ލުއިކޮށް ކަސްރަތު ކުރުން މުހިންމު/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެ، އެކަށީގެންވާ ބައްޓަމަކަށް ހަށިގަނޑު ބަދަލު ކުރުމަކީ މާ ފަސޭހައިން ކުރެވިދާނެ ކަމެއް ނޫނެވެ. އެކަމަށް ދުވަސް ބޭނުންވާނެއެވެ. ވަގުތާ، މަސައްކަތްވެސް ބޭނުންވާނެއެވެ. ފައިދާހުރި ކާނާ ކެއުމާ، އެކަށީގެންވާ ކަސްރަތަކީ މިކަމުގެ ބިންގަލެވެ.

ނުރައްކާތެރި ޑައެޓް ދެނެގަންނާނީ ކިހިނެއް؟

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދިރިއުޅުމަށް މާ ބޮޑު ބަދަލެއް ނުގެނެސް، ކުށްލި ގޮތަކަށް ބަރުދަން ލުއިކޮށްދޭ 'ޖާދުވީ' މާއްދާ އެކުލެވޭ އެކި ކަހަލަ އުފެއްދުންތަކާ ދުރުވާންޖެހެއެވެ. މީގެ އިތުރުން ހަފުތާއަކު 2 ޕައުންޑް ނުވަތަ 0.9 ކިލޯގްރާމްއަށް ވުރެ އިތުރަށް ހަށިގަނޑުން ސަރުބީ އަންދާލާނެކަމަށް ބުނާ ޑައެޓްތަކަކީވެސް ނުރައްކާތެރި ޑައެޓްތަކެއް ކަމަށް ބްރިޓިޝް ޑައެޓިކް އެސޯސިއޭޝަނުން ބުނެއެވެ. މިފަދަ ގިނަ ޑައެޓްއަކީ، ކާބޯތަކެތި ބެހިގެންވާ ގުރޫޕުތަކުގެ ތެރެއިން 1 ގުރޫޕު ފިޔަވާ އެހެން ގުރޫޕަކާ ދުރުކުރުވާ ޑައެޓްތަކެއް ކަމަށްވެސްވެއެވެ.

ޒަމާނީ ޑައެޓްއާއި ޑިޓޮކްސްގެ ގޮތުގައި ބޭނުންކުރާ ބައެއް އުފެއްދުންތައް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޓީއޯއައި

ޒަމާނީ ޑައެޓްތަކަކީ މަޝްހޫރު ސެލެބްރިޓީންވެސް އިންތިހާއަށް ޕްރޮމޯޓް ކުރަމުންދާ ޑައެއްޓްތަކަކަށްވާއިރު، އެކަމަށް ސަމާލުވުން މުހިންމެވެ. އެއީ ކިތަންމެ މަގުބޫލު މީހެއް ކަމަށްވެފައި، އެ ޑައެޓަކީ އެމީހަކު އެންޑޯޒްކުރި ޑައެޓަކަށް ވީ ކަމުގައި ވީ ނަމަވެސް ނުރައްކާތެރި ޒަމާނީ ޑައެޓްތަކަށް ބަރޯސާ ނުވާށެވެ.

ޑިޓޮކްސްއަކީ ތާކުންތާކު ޖެހޭ އެއްޗެއް ނޫން

ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ ކޮންމެ ހިސާބަކަށް ބަލާލި ކަމުގައި ވީ ނަމަވެސް މިއަދު އެންމެ އާންމުކޮށް ފެންނަ އިޝްތިހާރު ތަކަކަށް ވެފައިވަނީ ކޮންމެވެސް ޒާތެއްގެ ޑިޓޮކްސް ބުއިމެކެވެ. ސައިތަކާ އެކި ޒާތުގެ ދިޔާ މާއްދަތައް ޕްރޮމޯޓް ކުރުމުގައި މަޝްހޫރު އެތައް ބަޔަކު ހަރަކާތްތެރިވަމުންދާއިރު، ހަގީގަތުގައި ޑޮޓޮކްސްއަކީ އެއްވެސް ތާކުން ތާކު ޖެހޭ ކަމެއް ނޫންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ދުޅަހެޔި ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ދުޅަހެޔޮ ގޮތެއްގައި ބަރުދަން ލުއިކޮށް ކަސްރަތު ކުރުން މުހިންމު/ފޮޓޯ: ލިޓްލްޓަން ކްލިނިކް

އިންސާނާގެ ހަށިގަނޑަކީ، އޭގެ ޒާތުގައި އެ ހަށިގަނޑަށް ބޭނުންވާ ޑިޓޮކްސްގެ މާއްދާތައް އުފައްދާ، ހަށިގަނޑަށް ބޭނުން ނުވާ މާއްދާތައް އެ ހަށިގަނޑުން ބޭރުކުރުމުގެ ގާބިލުކަން ލިބިފައިވާ ހަށިގަނޑެކެވެ. ކަންމިހެން އޮތްއިރު، ހަށިގަނޑު ޑިޓޮކްސް ކުރުމަށް ޖާދުވީ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރާނެ ބޭހާ، ބުއިންތަކާ ސައިތަކެއް ނުހުންނާނެ ކަމަށް ސިއްހަތާ ޑައެޓްގެ ދާއިރާގެ ތަޖުރިބާކާރުން އިއްތިފާގުވެއެވެ.

ޑިޓޮކްސްއާއި ޑައެޓްއާއި ނުލާ ދެން ހަދާނީ ކިހިނެއް؟

ފެށުނު އާ އަހަރަކާއެކު ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް އަމާޒު ހިފުން މުހިންމެވެ. އެކަން ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއްވެސް އެބަހުއްޓެވެ.

  • 12 ހަފުތާއަށް ބަހާލައިގެން ބަރުދަން ލުއިކުރުމުގެ ޕްލޭނެއް ގެންގުޅުން
  • ސިނގިރޭޓާ އެކި ޒާތުގެ ދުންބުއިމާ ދުރުވުން
  • ފިޓްނަސް ލެވަލް މަތިކުރުމަށް ސޯފާއިން ތެދުވެ އެކި ރާސްތާކަށް ހެލިފެލިވެ އުޅޭނެ އުފާވެރި ޕްލޭންތަކެއް ހިޔާރު ކުރުން
  • ތާޒާ މޭވާއާއި ތަރުކާރީއަށް ލޯބިކޮށް އެތަކެތީގެ ފައިދާ ލިބިގަތުން
  • މަސްތުވާތަކެއްޗާ، ނުރައްކާތެރި ބޭސްތަކާ ދުރުވުން ފަދަ ކަންކަމަކީ ދުޅަހެޔި ސިއްހަތެއްގެ ފެށުން ކަމުގައިވެސް ހެދިދާނެއެވެ.
ފުރާވަރު އުމުރުގެ ކުއްޖަކު ވޭޕްކުރަނީ/ފޮޓޯ: ވޮޝިންގްޓަން އެގްޒެމިނާ

އާ އަހަރާއެކު ބަރުދަން ލުއިކުރުމުގެ އަމާޒު ކަނޑަނާޅަންވީ ސަބަބެއް ނެތެވެ. ނަމަވެސް މިކަން ކުރުމުގައި ސިއްހީ ތަޖުރިބާކާރުން ދެއްވާ އިރުޝާދާ ލަފާ ހޯދުންވެސް މުހިންމެވެ.