ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ކުޅުދުއްފުށި ސިޓީގެ ކައުންސިލަށް އިންތިހާބުކުރާ ހަ ދާއިރާގެ ގޮނޑީގެ ތެރެއިން ދެ ދާއިރާގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އިސްތަރުޖަމާން އަހުމަދު އަކްރަމް ރޭ ވިދާޅުވީ ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހަތް މެންބަރުން އިންތިހާބުކުރާނެ ކަމަށެވެ. އެއީ އެއް މޭޔަރާއި ހަ ކައުންސިލަރުންނެވެ.

އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާ ހާއްސަ ކުރަނީ އަންހެނުންނަށް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމަށް ނިންމަވާފައި ވަނީ، އެރަށުގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، 10000 މީހުން ހަމަވެ، ސިޓީއެއްގެ ދަރަޖަ އެ ރަށަށް ސަރުކާރުން ދީފައި ނުވާތީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބޯއިކޮޓް ކުރުމަށް ކުޅުދުއްފުށީ ބައެއް ރައްޔިތުން ނިންމާފައި ވަނިކޮށެވެ.

ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމާ އެކު، ރާއްޖޭގައި ހުރި ސިޓީ ތަކުގެ އަދަދު 4 އަކަށް އެރީއެވެ. މިހާރު ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައި ވަނީ ވެރިކަން ކުރާ ރަށް ކަމަށްވާ މާލެ، އައްޑޫ އަދި ފުވައްމުލަކަށެވެ.

މާލެ ސިޓީގައި 60،000 އަށްވުރެ ގިނަ އާބާދީއެއް އޮންނަ އިރު، އައްޑޫގައި 30،000 އާއި 60،000 ދޭތެރޭގެ އާބާދީއެއް އޮވެއެވެ. އަދި ފުވައްމުލައް ސިޓީގައި އޮންނަނީ 10،000 އާއި 30،000 ދޭތެރޭގެ އާބާދީއެކެވެ.