އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހްއާ ދެކޮޅަށް އެގައުމުގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ 4 ފިރިހެނަކު މިނިވަންކޮށްފިއެވެ.

މުޒައްފަރުނާގަރޭ ކިއުނު ސަރަހައްދުގައި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކަށްފަހު، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައި ބައިތިއްބާފައި ތިބި 4 މީހަކު އަންގާރަ ދުވަހު މިނިވަންކޮށްފައިވަނީ، އެމީހުން ހައްޔަރުކުރެވުނީ އޮޅުމަކުން ކަމަށް ބުނުމަށްފަހުގައެވެ.

މުޒައްފަރުނާގަރުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 70 އަށްވުރެ ގިނަ މީހުން ބަންދުކޮށްފައިވާއިރު، ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ، މީގެ ތެރޭގައި ތިބި 'މައުސޫމު' މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.

އޮޅިގެން ހައްޔަރު ކުރެވުނު ކަމަށް ބުނާ 4 މީހުންނަކީވެސް މުސްލިމުން ކަމަށް ބެލެވެއެވެ. މިތަނުން 1 އަކީ ހައްޔަރު ކުރި ދުވަހު އޮފީހުގައި އުޅުނު މީހަކަށްވާއިރު، އަނެއް 3 މީހުންނަކީ އާއިލާ ބަޔަކު ގޮވައިގެން ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ހައްޔަރު ކުރި 3 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާއި ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ހިންދޫ ބީޖޭޕީ ސަރުކާރަށް ތާއީދުކުރާ ލީޑަރުންގެ އޯޑަރަށް، އެގައުމުގެ ފުލުހުން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. މުޒާހަރާތަކާ ގުޅިގެން ހަމަނުޖެހުން ހިންގާ، އާންމުންގެ ތަކެއްޗަށް ގެއްލުން ދިން ކަމުގެ ކުށުގެ ތުހުމަތުގައިވެސް އިންޑިއާ ފުލުހުން ދަނީ ގިނަ އަދަދެއްގެ ބަޔަކު ހޯދަމުންނެވެ. ކަންމިހެން އޮތްއިރު، އިންޑިއާ ފުލުހުން ބުނަމުންދަނީ، އެކަށީގެން ނުވާ ގޮތެއްގައި ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.

އިންޑިއާގެ ރަށްވެހިކަމަށް ގާނޫނަށް ގެނައި އިސްލާހަކީ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި ނުހައްގުން އަނިޔާ ލިބޭކަމަށް ބުނެ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް ހިޖުރަކޮށްފައިވާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހަޅުމަށް ފުރުސަތު ފަހިކުރާ ގޮތަށް ގާނޫނަށް ގެނައި ބަދަލެކެވެ.