އިރާގުގެ ވެރިރަށް ބަގުދާދުގައި އެމެރިކާއާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ފަހަތުގައި އޮތީ އީރާނު ކަމަށް އެމެރިކާއިން ބުނި 'ގޮތެއްފޮތެއް ނެތް' ބުނުން ކުށްވެރި ކުރާކަމަށާ، އެމެރިކާއިން ގެންގުޅޭ މެދުއިރުމަތީގެ ސިޔާސަތު މުރާޖައާ ކުރުމަށް އެ ގައުމަށް އިންޒާރު ކުރާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ އެއްބާރުލުމާއެކު އިރާގްއާއި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ހަތިޔާރުއެޅި ކަތާއިބު ހިޒްބުއްލޯ ޖަމާއަތަށް އަމާޒުކޮށް އެމެރިކާއިން އާދީއްތަ ދުވަހު ވަރުގަދަ ހަމަލާއެއްދީ، 25 ހަނގުރާމަވެރިއަކު މަރާލި މައްސަލާގައި، އެމެރިކާއާއި ދެކޮޅަށް، އިރާގުގެ ވެރިރަށް ބަގުދާދުގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

އިރާގުގައި ހިނގަމުންދާ ކަމަކަށް އިޝާރާތް ކުރައްވާ އީރާނު ހާރިޖިއްޔާގެ ތަރުޖަމާނު ޢައްބަސް މޫސާވީ ވިދާޅުވީ، ގައުމެއްގެ މިނިވަންކަމާ އިސްތިގުލާލު ނަގާލާ، ސަރަހައްދީ ނަޒާހާތްތެރިކަން ފުނޑުފުނޑުކޮށް 25 މީހެއްގެ ފުރާނަ ދުއްވާލުމުން އެކަމާ ދެކޮޅަށް އިރާގުގެ ރައްޔިތުން ނިކުތުމުން، އެކަމުގެ އިލްޒާމް އީރާނަށް އަމާޒު ކުރުމަކީ ހައިރާން ކުރަނިވި ކަމެއް ކަމަށެވެ.

މޫސާވީ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީ ސަރަހައްދުގައި ހިންގަމުންދާ ހަމަނުޖެހުންތަކަކީ އީރާނު، އެކަމުގެ ފަހަތުގައި އޮވެގެން ކުޅޭ ކުޅިއެއްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިއީ އިރާގުގެ ރައްޔިތުންނަށް ކުރެއްވި މަލާމަތެއް ކަމަށްވެސް މޫސާވީ ވަނީ ސިފަކުރައްވާފައެވެ. އެމެރިކާއިން ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާއިރު، އިރާގުގެ ރައްޔިތުން ހިމޭނުން އޮންނަންވީ ކީއްވެތީ މޫސާވީ ވަނީ ސުވާލުކުރައްވާފައެވެ.

އެމެރިކާއިން ބުނާ ގޮތުގައި ކަތައިބު ހިޒްބުއްލާއަށް އަމާޒުކޮށް އާދީއްތަ ދުވަހުގެ ވައިގެ ހަމަލާއަކީ، އިރާގުގެ އުތުރުގައި މަސައްކަތް ކުރަމުންދިޔަ ކޮންޓްރެކްޓަރެއްގެ މަރުގެ ރައްދުގައި ދިން ހަމަލާއެކެވެ.