ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް އިންޑިއާ ވައްޓާލި އެގައުމުގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހް (ސީއޭއޭ) އުވާލުމަށް، ކެރެލާ ސްޓޭޓް އެސެމްބްލީއިން ވޯޓުދީފިއެވެ.

ކުށްލި ގޮތަކަށް މިއަދު ބޭއްވި ކެރެލާ ސްޓޭޓް އެސެމްބީލީގެ ހާއްސަ ޖަލްސާގައި، ސީއޭއޭ އުވާލުމަށް ހުށަހެޅުއްވީ ޗީފް މިނިސްޓަރު ޕިނަރާޔީ ވިޖެޔަންގެ އިސްނެންގެވުމުގެ ދަށުންނެވެ.

ސިއޭއޭ އުވާލަން ބާރުދިން ގާރާރު އިއްވަވަމުން ޗީފް މިނިސްޓަރު ވިދާޅުވީ، ސީއޭއޭއަކީ އިންޑިއާގެ ތަސްވީރާ ތައާރަޒުވާ ބަދަލެއް ކަމަށާ، މި ކަމަކީ ރަށްވެހިކަން ދިނުމުގައި ދީނީ ފަރަގުތަކާ ތަފާތުކުރުންތަކަށް ހިތްވަރުދެނިވި ބަދަލަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ބައިނަލްއަގުވާމީ ލޮލުގެ ކުރިމަތީގައި އިންޑިއާގެ ތަސްވީރު ހަލާކުވެފައިވާ ކަންވެސް ޗީފް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ގާނޫނަށް ގެނެވުނު އިސްލާހަކީ އިންޑިއާގެ ގާނޫނު އަސާސީއާއި މަސްދަރުތަކާވެސް ހިލާފު ބަދަލެއް ކަމަށް ޗީފް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޗީފް މިނިސްޓަރު ވަނީ، ގަވައިދާ ހިލާފަށް އިންޑިއާގައި އުޅޭ މީހުން ބަންދުކުރުމުގެ ނަމުގައި ހިންގާ އެއްވެސް ޑިޓެންޝަން ސެންޓަރެއް، އިންޑިއާގެ ދެކުނުގައި އޮޕަރޭޓް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު، ކެރެލާ ސްޓޭޓް އެސެމްބްލީގައި ހިމެނިވަޑައިގަންނަވާ، ވެރިކަން ކުރާ ބީޖޭޕީއަށް ނިސްބަތްވާ ހަމައެކަނި މެމްބަރު އޯ ރާޖަގޯޕާލް ވަނީ މި ގަރާރާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އެގޮތުން މިފަދަ ގަރާރެއް ފާސް ނުކުރެވޭނެ ކަމަށާ، އެހެނީ، ސީއޭއޭއަކީ އިންޑިއާގެ މައި ގާނޫނު ހަދާ މަޖިލީހުގެ މަތިގެއާއި ތިރިގެއިން ފާސްކޮށްފައިވާ އިސްލާހަކަށް ވުމުން، ކެރެލާ ސްޓޭޓް އެސެމްބްލީއިން އެ އިސްލާހް އުވާލަން ހުށަހެޅުމަކީ ޣައިރު ގާނޫނީ ކަމަކަށް ވުން ކަމަށް ވިދާޅުވެ، ރާޖަގޯޕާލް ވަނީ ގޮންޖައްސަވާފައެވެ.