18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 44 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ފަތިހު 5:50 ހާއިރު ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ އަތޮޅާއި ލ އަތޮޅު ހިމެނޭ ޑިވިޝަން) ސަރަހައްދުގައި ހިމެނޭ ރަށަކުން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށް އެ ބޯޓުގެ ފަޅުވެރިއަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލއާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ކަނޑުމަގުން މާލެއަށް ދަތުރުކުރި ބޯޓެއްގައި ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން އެއް މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެއް އާއިލާއަކަށް ނިސްބަތްވާ ދެކުދިންނެވެ. މާލެއަށް އައުމަށް ފުރައިގެން އައި ބޯޓުގައި އެކުދިންނަށް އެ ބޯޓުގެ ފަޅުވެރިއަކަށް އުޅުނު މީހަކު ޖިންސީ ގޯނާ ކޮށްފައިވަނީ އެކުދިން ނިދާފައި ތިއްބާ ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވެއެވެ. އުމުރުން 13 އަހަރުގެ ކުއްޖާއަށް ފުރަތަމަ އެމީހާ ޖިންސީ ގޯނާ ކުރަން އުޅެފައިވާ ކަމަށާއި އެކުއްޖާ ހޭލުމުން ދެން 11 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.
އަދި 13 އަހަރުގެ ކުއްޖާ މަންމައަށް އެވާހަކަތައް ކިޔައިދިނުމުން އެ އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށާއި މާލެއަށް ދޯނި ލެފިއިރު ފުލުހުން ގޮސް ތިބި ކަމަށްވެސް މައުލޫމާތު ލިބެއެވެ.