ހެދުމެއްގެ ބީދައިން ލައި އުޅެވޭ ގޮތަށް ތަރުކާރީ ބަގިޗާއެއް ފަރުމާކޮށްފިއެވެ.

އަރޫސިއާކް ގްބްރިއެލިއާން ނަމަކަށް ކިއާ މީހަކު އުފައްދާފައިވާ މި ބަގީޗާ ހެދުމަށް ދީފައިވާ ނަމަކީ 'ޕޯސްޓްހިއުމަން ހެބިޓޭޓްސް'އެވެ.

މިފަދަ ހެދުމެއް އުފެއްދުމަށް ގްބްރިއެލިއާންއަށް އެންމެ ފުރަތަމަ ހިޔާލު އައީ، ފަރަންސޭސި ބޮޓޭނިސްޓްއެއް ކަމަށްވާ ޕެޓްރިކް ބްލަންކްގެ 'ވާޓިކަލް ގާޑްންސް' ނުވަތަ އޮލަނބަށް ހައްދާ ބަގިޗާގެ ކޮންސެޕްޓުންނެވެ.

'ޕޯސްޓްހިއުމަން ހެބިޓޭޓްސް' ބަގީޗާ ޖެކެޓް ފަރުމާކޮށްފައިވަނީ އޭގައި ތެތްކަން ހިފަހައްޓާނެ ލޭޔަރުތަކަކާއެކުގައެވެ. މި ޖެކެޓުގައި އޮއް އިންދާފަޅުވައިގެން ބަގީޗާ ހެއްދުމަށް 2 ހަފުތާއެއްހާ ދުވަސް ހޭދެވެއެވެ.

މި ގަސްތަކަކީ ހެދޮބޮޑުވުމަށް ކާނާ ބޭނުންވާނެ ގަސްތަކެއްކަމުން، ބަގީޗާ ޖެކެޓް ފަރުމާކޮށްފައިވަނީ ގަސްތަކަށް 'ތެތްކަން' ލިއްބައިދެނިވި ގޮތަކަށެވެ. ގަސްތަކަށް ބޭނުންވާ ތެތްކަން ހޯދަނީ، ބަގީޗާ ޖެކެޓް ބޭނުންކުރާ މީހާ ބޭރުކުރާ ކުޑަކަމުދާ ތަކެތިންނެވެ. ފަހަރެއްގައި ހުރި ގޮތަށް ބޭނުންކުރަނީކީ ނޫނެވެ. ބަގީޗާ ޖެކެޓް ބޭނުންކުރާ މީހާ ބޭރުކުރާ ކުޑަކަމުދާ ތަކެތި، ފޯވަޑް އޮސްމޯސިސްއޭ ކިއުނު ޓެކްނޮލޮޖީއެއްގެ ތެރެއިން ޓްރީޓް ކުރުމަށްފަހުގައި ނޫނީ ބަގީޗާ ޖެކެޓް ހައްދަން މި މާއްދާ ބޭނުމެއް ނުކުރެއެވެ.

ޔުނިވާސިޓީ އޮފް ސައުތް ކެލިފޯނިއާގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ގެބްރިއެލިއާން ބުނީ، މި ޖެކެޓްގައި 22 ވައްތަރެއްގެ ގަސް އިންދާ، ހެއްދޭނެ ކަމަށެވެ. އޭގެ ތެރޭގައި ކެބެޖު، ރެޑިޝް، ޕީނަޓް އަދި ސްޓްރޯބެރީ ފަދަ ގަސްތައް ހިމެނޭ ކަމަށް އެނާ ބުންޏެވެ.

ކަންމިހެން އޮތްއިރު، މިއީ އެއްވެސް ހާލެއްގައި ކެއިން ބުއިމަށް ހައްދާ ތަރުކާރީ ބަގީޗާއެއް ނޫނެވެ. މިމަޝްރޫއުގެ ފަހަތުގައި ހުރި ގެބްރިއެލިއާން ބުނީ، އޭނާގެ އަމާޒަކީ ކާބޯތަކެތީ ސަލާމަތާ ރައްކާތެރިކަން އިންސާނުންގެ ނަފުސާ ހަށިގަނޑާ ވީހާވެސް ގާތަކުން ގެނެސްދީ، އެކަމަށް ސަމާލުކަން ދޭ މިންވަރު އިތުރު ކުރުމެވެ.