އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް(ސީއޭއޭ)އާއި އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދަނީ 40 މިލިއަނެއްހާ މުސްލިމުންގެ އާބާދީއެއް އޮތް އުއްތަރަ ޕްރަދޭޝްއިންނެވެ. ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ސީއޭއޭއާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އެންމެ ވަރުގަދަވީވެސް އުއްތަރަ ޕްރަދޭޝްގައި ކަމަށްވާއިރު އެ ސްޓޭޓޫން އެކަނިވެސް 19 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކަމްޕޫރު ސިޓީގެ ބާބޫޕޫރުވާގެ ހަނިމަގުންތަކުން ހިނގަމުންދާއިރު މޫނުޖެހެނީ މުޙައްމަދު ޝަރީފުގެ އާއިލާ ދިރިއުޅެމުންދާ ގޭގައެވެ. ޓިނު ފުރާޅުއެޅި ކުޑަގޭގެ ދޮރުމަތީގައި އިށީނދެލައިގެން އިން ޝަރީފުގެ ގެއަކީ 1 ކޮޓަރީގެ ގެއެކެވެ. ރޭގަނޑު އެއީ ނިދާތަނެވެ. ދުވާލު އެއީ ބަދިގެއެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓްގައި މުޒާހަރާ ކުރަމުންދާ މީހުންނާ ދެކޮޅަށް އިންޑިއާ ފުލުހުން އޮއްގާ އުކަނީ/ފޮޓޯ: ރޮއިޓާޒް

ބޭރު އައި މެހެމާނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ޝަރީފުގެ ގަޔާ އޭނާ ގާތްކޮށްލިއެވެ. ޝަރީފަށް އޭނާގެ އިހުސާސްތައް ހިފަހައްޓާލެވުނީ އެހާ ހިސާބަށެވެ. އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެރެން ފެށިއެވެ.

"އަހަރެންގެ ހުރިހާ އެއްޗެއް ގެއްލިއްޖެ. ދިރިއުޅޭނެ އެއްވެސް އުއްމީދެއް ނެތް. އަހަރެން ދަރިފުޅުގެ އޮތީ ކޮން ކުށެއް؟ ފުލުހުން އެ (ފިރިހެން) ދަރިފުޅުގެ ގަޔަށް ބަޑިޖަހަންވީ ކީއްވެ؟" ކަރުނަތައް ހިފެހެއްޓޭތޯ ބަލަމުން ޝަރީފުގެ ހިތުގައި ވޭންވަރަކަށް ނަގަމުންދިޔަ އިހުސާސްތައް ބަންޑުންކޮށްލިއެވެ.

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަދީއްތިޔަނާތު/ފޮޓޯ: ގެޓީ އިމޭޖަޒް

މުޙައްމަދު ޝަރީފުގެ ފިރިހެން ދަރިފުޅު، މުޙައްމަދު ރައީސް، 30، މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލީ މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ފުލުހުން ޖެހި ވަޒަނެއް އޭނާގެ ބަނޑަށް އެރިތާ 3 ވަނައަށް ވީ ދުވަހެވެ.

ޝަރީފުގެ އާއިލާއަށް އާމްދަނީއެއް ލިބެމުންދިޔައީ ހަމައެކަނި ރައީސްގެ ފަރާތުންނެވެ.

"ދަރިފުޅު ހުރީ މުޒާހަރާ ކުރާކަށް ނޫން. އޭނާއަކީ މަގުމަތީގައި އޭތިމީތި ވިއްކައިގެން ވިޔަފާރި ކުރަމުންދިޔަ ޒުވާނެއް. އިއްތިފާގުން މުޒާހަރާގެ މައިދާނުގައި އޭނާއަށްވެސް ހުރެވުނީ. އޭނާ މުޒާހަރާ ކުރި ކަމުގައި ވީ ނަމަވެސް އޭނާ އެގޮތަށް މަރާލުން ހައްގުތަ؟" ޝަރީފު އިތުރަށް ސުވާލު ކުރަމުންދިޔައެވެ.

ާއާންމުންގެ މުދަލާތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އުއްތަރަަ ޕްރަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ހޯދާ ބައެއް މީހުންގެ ފޮޓޯ އާންމުކޮށްފައި/ފޮޓޯ: އަންޝުލް ވަރުމާ

"ދަރިފުޅު މަރާލީ އޭނާއަކީ މުސްލިމަކަށް ވީމަތަ؟ އަހަރަމެންނަކީ މި ގައުމުގެ ރައްޔިތުންނެއް ނޫންތަ؟ އަހަރެންގެ މަރުދުވަހާ ޖެހެންދެން މި ސުވާލު ކުރާނަން؟" އަޒުމު ވަރުގަދަ ކުރަމުން ޝަރީފު ބުނެލިއެވެ.

ސީއޭއޭއާއި ދެކޮޅަށް މުޒާހަރާކުރާ މީހުންނަށް އަމާޒުކޮށް އިންޑިއާގެ ފުލުހުން އެކަށީގެން ނުވާ މިންވަރަކަށް ބާރުގެ ބޭނުން ކުރަމުންދާ ވާހަކައަކީ މިއަދު އާ ވާހަކައެއް ނޫނެވެ.

ކަންމިހެން އޮތްއިރު އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަދިއްތިޔަނާތު ވަނީ، އާންމު މުދަލަށް ގެއްލުންދިން ފަރާތްތަކުގެ ކިބައިން ބަދަލު ހިފާނެ ކަމަށް ވައުދުވެވަފައެވެ. އަދި އެފަދަ ފަރާތްތަކުގެ މުދަލަކީ، ބަދަލެއްގެ ގޮތުގައި ނެގޭނެ މުދާކަމުގެ އިންޒާރުވެސް އޭނާ ވަނީ ދީފައެވެ.

މުސްލިމުން ރުޅިއެރުވުމުގެ ގޮތުން އިންޑިއާގެ ފުލުހުން، މުސްލިމުންގެ މުދަލާތަކެއްޗަށް ގެއްލުން ދީފައި/ފޮޓޯ: ޔޮގީތާ ލިމާޔޭ

މި 'ހަމަނުޖެހުންތަކާ' ގުޅިގެން 'ހޯދަން ބޭނުންވެފައިވާ' މީހުން ހޯދުމުގެ މަސައްކަތަށް ފުލުހުން ނިކުތީވެސް އަދިއްތިޔަނާތުގެ އޯޑަރަށެވެ. 'ހޯދަން ބޭނުންވެފައިވާ' މީހުންގެ ލިސްޓުގައި ގިނައީވެސް މުލިމުންނެވެ. މިއާއެކު މުޅި ބާބޫޕޫރުވާ ސަރަހައްދުގައި އޮތީ ނަފްސާނީ ބިރުވެރިކަމެއް އުފެދިފައެވެ.

ބާބޫޕޫރުވާގެ ބައެއް އާއިލާތަކުން އުމުރުން އެންމެ 10 އަހަރުގެ ކުދިންވެސް ވަނީ ބިރުން، އެހެން ހިސާބުތަކަށް ބަދަލުވެފައެވެ. ހައްޔަރުކޮށް، ލާއިންސަނީ އަނިޔާގެ ޝިކާރައަކަށްވެދާނެ ކަމުގެ ބިރަށެވެ. އުއްތަރަ ޕްރަދޭޝްގެ މުސްލިމުންގެ މެދުގައި މިއަދު، ހިންދޫ ބީޖޭޕީ ސަރުކާރަށް އެއްވެސް އިތުބާރެއް ނެތެވެ.

އިންޑިއާގެ ރަށްވެހިކަމަށް އިސްލާހު ގެނައުމުގެ ގާނޫނާ ދެކޮޅަށް ކުރާ މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކުން ކަންޕޫރު ސަރަހައްދުގައި ކުރިމަތިލަނީ/ފޮޓޯ: އޭއެފްޕީ

"އަހަރަމެންގެ ކުށަކީ ކޮބާ؟ މިއީ ޑިމޮކްރަސީއެއް. ގަބޫލުނޫން ކޮންމެ ކަމަކާ ދެކޮޅަށް މުޒާހަރާކުރުމުގެ ހައްގު ލިބިގެންވޭ. އެކަމަކު، އަހަރަމެންގެ ހިމާޔަތަށް ނިކުންނަންހެހޭ މީހާ މި ނިކުންނަކީ އަހަރަމެން ޝިކާރަކުރަން. އަހަރަމެން ދެން ދާންވީ ކޮންތާކަށް؟" މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި އުއްތަރަޕްރަދޭޝްއިން ވާހަކަދެއްކި އަންހެނަކު ބުންޏެވެ.

އުއްތަރަ ޕްރަދޭޝްގައި ދިރިއުޅެމުންދާ މުސްލިމުންގެ ނުތަނަވަސްކަން އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީވެސް އެ ސްޓޭޓްގެ މިނިސްޓަރުގެ މަގާމުގައި ހުރި އަދީއްތްޔަނާތުއެވެ. އޭނާއަކީ މީގެ ކުރިންވެސް މުސްލިމުންނާ ދެކޮޅަށް ހަރުކަށި ވާހަކަތަކެއް ދައްކާފައިވާ މީހެކެވެ. އޭނާ ވަކާލާތު ކުރާ ބައެއް ކަންކަމުގެ ތެރޭގައި، އެއްތަނުން އަނެއް ދަތުރުކުރުމަށް މުސްލިމުންނަށް އޮތް މިނިވަންކަމަށް ހުރަސް އެޅުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން މުސްލިމު ފިރިހެން ދަނީ ހިންދޫ އަންހެނުން މަޖުބޫރުން އިސްލާމް ދީނަށް ވައްދަމުން ކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. އަދި ބޮލީވުޑް ސުޕަސްޓާ ޝާހް ރުކް ހާންއަކީ، ޕާކިސްތާނުގެ ހަނގުރާމަވެރި ލީޑަރު ހާފިޒް ސައީދާ އެއްވަރުގެ 'ނުރައްކާ' މީހެއް ކަމަށްވެސް އަދީއްތިޔަނާތު ވަނީ ސިފަކޮށްފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޗީފް މިނިސްޓަރު އަމަލުކުރަމުންދަނީ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ދައްކަވާ ގޮތަކަށެވެ. ހިންދޫ ބީޖޭޕީގެ ފިކުރު ޕްރޮމޯޓްކުރުމަށް ތަހުލީލު ކުރާ ލެބަކަށް އުއްތަރަ ޕްރަދޭޝް ވެފައިވާކަމަށް ސިފަކުރާ މީހުންވެސް މަދެއް ނޫނެވެ.

ބޮލީވުޑް ސިނާއަތުގައި ތިބި މުސްލިމު ސުޕާސްޓާރުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (މ)އާއިއެކު އިވެންޓެއްގެ ހަވާސާގައި/ފޮޓޯ: ޓްވިޓާ

ސީއޭއޭއާއި ގުޅިގެން އިންޑިއާ ހަލަބޮލިވެފައިވާއިރު، އުއްތަރަ ޕްރަދޭޝްއިން އެކަނިވެސް އެތައް ހާސް މުސްލިމު އަންހެނުންނާ ފިރިހެނުންނެއް ވަނީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައެވެ. ނުވަތަ ސަސްޕެންޑްކޮށްފައެވެ.

ކަންމިހެން އޮތްއިރު، މުސްލިމުން ރުޅިއެރުވުމަށް އިންޑިއާގެ ފުލުހުން މަސައްކަތްކުރާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން، މުސްލިމުންގެ މުދަލާ ތަކެއްޗަށް، މޯދީ ސަރުކާރުގެ ފުލުހުން ގެއްލުންދޭތަން ފެންނަ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. ނަމަވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ހަމަނުޖެހުންތަކަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ޒިންމާއެކެވެ.

އިންޑިއާގެ މަސްރަހުން ޔަގީންވާ ކަމެއް އެބައޮތެވެ. އެއީ ސީއޭއާއި ގުޅިގެން ހަމަނުޖެހުންތަކެއް ހިންގާ ކަމެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ބައެއްގެ ފުރާނަ ގެއްލިފައިވާކަމެވެ. އަދި އެކަމުގެ ޒިންމާ ނެގުމަށް ހިންދޫ ސަރުކާރުން އެއްވެސް ހާލެއްގައި ތައްޔާރުވެފައި ނެތް ކަމެވެ.