އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި މިހާރު ރޯވެ އަނދަމުންދާ ވަރުގަދަ އަލިފާންގަނޑު ހަލުވިދުވެލީގައި ފެތުރިގެން ދިއުމުގެ ސަބަބުން، އައްސޭރި ފަށުގެ ސަރަހައްދުގެ ގޮނޑުދޮށުގައި ތިބި އެތައް ހާސް ބަޔަކު، ފުރާނަ ސަލާމަތް ކުރުމަށްޓަކައި މޫދަށް ފުންމާލައިފިއެވެ.

ވިކްޓޯރިއާ ސަރަހައްދުގެ އަވަށެއް ކަމަށްވާ މަލަކޫޓާގައި ހިނގި މިހާދިސާގައި، އާންމުން ދިރިއުޅޭ ގެތަކަށްވެސް އަޅީގެ އަސަރު އިންތިހާއަށް ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް މަންޒަރުތަކާ ވާހަކަތަކަށް ބަލާއިރު، އަލިފާންގަނޑު ފެތުރިގެން އައި ގަދަ އަޑުފަށްގަނޑަކާ އެކުގައި ކަމަށް ބައެއް މީހުން ބުނެފައިވާއިރު، އަނެއް ބަޔަކު ވަނީ އަލިފާނުގެ ގަދަ ރަތްކުލައިން 'ދިއްލިފައިވާ' އުޑުމައްޗާ އެއްގަމުގެ މަންޒަރުތައްވެސް ހިއްސާކޮށްފައެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސަރަހައްދުގައި ފެތުރިފައިވާ ވަރުގަދަ އަލިފާންގަނޑު/ފޮޓޯ: ޓްވިޓާ

ގަދަ ހޫނާ ވައިގެ ސަބަބުން އޮސްޓްރޭލިއާގައި މިހާރު ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން، ސިޑްނީއާއި މެލްބަންގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ފަތުރުވެރިންގެ މެދުގައި މަގުބޫލު ގިނަ ސަރަހައްދުތަކެއްވެސް ވަނީ ނުރައްކަލުގެ ތެރޭގައެވެ.

މިއާއެކު މިސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންގެ ގިނަ ބަޔަކުވެސް މިހާރު ތިބީ މޫދުގައި ކަމަށް ޚަބަރު ލިބެއެވެ. އެނޫން ހިސާބަކަށް މިމީހުންނަށް ނުދެވުނީ، އަލިފާންގަނޑު ފެތުރެމުން އަންނަލެއް ހަލުވިކަމުން ދުރު ހިސާބުތަކަށް ދިއުމުގެ ފުރުސަތު ނެތް ކަމަށް، ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދިނުމާ ގުޅިގެންނެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސަރަހައްދުގައި ފެތުރިފައިވާ ވަރުގަދަ އަލިފާންގަނޑު/ފޮޓޯ: ސީއެންއެން އިންޓަނޭޝަނަލް

މަލަކޫޓާ ސަރަހައްދުގައި އާދަޔާ ހިލާފު ގަދައަށް އަލިފާންގަނޑު ފެތުރިގެންދިޔަ ހާދިސާއާއި ގުޅިގެން 4 މީހަކަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.