އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައި، ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްގެ މަގާމަށް އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް ބާއްވާ ޕްރައިމަރީއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހު 10 ވަނަ ދުވަހުގެ ހަވީިރު 4:00 ގެ ނިޔަލަށް ކަމަށެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރައްވަން ބޭނުންވާ ޕާޓީގެ މެންބަރުން އެފަރާތަކުން ކުރިމަތިލުމަށް ބޭނުންވާ ދާއިރާއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ހުށަހަޅަން ޖެހޭނީ ޕާޓީގެ ސެކްރެޓޭރިއަޓަށް ކަމަށެވެ. އަދި ޕްރައިމަރީގައި ކުރިމަތިލުމަށް އެދޭފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށް އެ ޕާޓިމް ބުނެއެވެ.
ޕާޓީގެ ފަރާތުން މަގާމުތަކަށް ކުރިމަތިލުމާއި ވޯޓްލެވޭނީ މާދަމާ މެންދުރު 2:00 ނިޔަލަށް އެމްޑީޕީގެ މެންބާޝިޕް ކޮމިޓީން މެންބަރެއްގެ ގޮތުގައި ބަލައިގެންފައިވާ އެޕާޓީގެ މެންބަރުންނަށް ކަމަށް އެ ޕާޓިން ބުނެއެވެ.
އިންތިހާބުތަކުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީން އެތެރޭގެ ޕްރައިމަރީއެއް ބާއްވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެންޑީޕީން އަމަލު ކުރާނެ ގޮތުގެ ޓައިމް ލައިން އެ ޕާޓީން ވަނީ އާންމުކޮށްފައެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ޓައިމްލައިންގައިވާ ގޮތުން، އެޕާޓިގެ ޕްރައިމަރީ އިއުލާން ކުރުމަށްފަހު، ޖެނުއަރީ 7 ވަނަ ދުވަހު ވޯޓު ލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ލިސްޓު އާންމުކުރާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެ ޕާޓީން ވަނީ 3 ދުވަހުގެ މުއްދަތެއް ދީފައެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 10 ވަނަ ދުވަހު ބަންދު ކުރުމަށް ހަމަޖެހިފައިވާއިރު، ޖެނުއަރީ 13 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރުމަށް ވަނީ ނިންމާފައެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރަސަތަށްފަހު ވޯޓު ލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ފައިނަލް ލިސްޓު އާންމު ކުރުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހަމަޖައްސާފައިވާ ތާރީހަކީ އަންނަ މަހުގެ 31 ވަނަ ދުވަހެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރާނީ، އެ ޕާޓީގެ ޕްރައިމަރީން، ކައުންސިލް ގޮނޑި ކާމިޔާބު ކުރާ ފަރާތަކުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަަހުގެ ހަތަރު ވަނަ ދުވަހެވެ. މި އިންތިހާބުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ނުވަތަ އެމްބަސީއެއް ހުންނަ ކޮންމެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ، ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ. އަދި ޖަލެއްގައި ވޯޓު ފޮށި ބެހެއްޓުމަށް 25 މީހުން ރަޖިސްޓްރީވާން ޖެހޭއިރު، ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުން ރަޖިސްޓްރީ ކޮށްފައިވާނަމައެވެ.
އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.