މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާ މުޒާހަރާތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމަށްޓަކައި ސްކޫލަށް ނުގޮސް ހުރުމަކީ އަދި އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުނުކުރާކަމަށާ، އެފަދަ މުޒާހަރާތަކުގައި ދަރިފުޅު ބައިވެރިވުމަކީ އެދޭ ގޮތް ނޫންކަމަށްވެސް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް މުޒާހަރާތަކުގެ "މޫނު"ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ގްރިއެތާ ޓުންބޭއީގެ ބައްޕަ ބުނެފިއެވެ.

އުމުރުން އެންމެ 16 އަހަރުގެ އެކްޓިވިސްޓުގެ ބައްޕަ ސަވަންތޭ ޓުންބޭއީ ބުނީ މުޒާހަރާތަކުގައި ބައިވެރިވެވޭތީ ދަރިފުޅު ހުރީ އުފަލުން ކަމަށާ، ނަމަވެސް އެ މުޒާހަރާތަކާ ގުޅިގެން އެ ދަރިފުޅަށް ލިބެމުންދާ 'ނަފްރަތާއި މެދު' އިންތިހާއަށް ކަންބޮޑުވާކަމަށެވެ.

ގްރިއެތާގެ ދިރިއުޅުމާ ބެހޭ ވާހަކަތައް މީޑިއާއަށް ހާމަކުރަމުން އޭނާގެ ބައްޕަ ބުނީ، ސްކޫލަށް ދިއުން ހުއްޓާލާ، ހަޅުތާލު ފެށުމުގެ ކުރިން ގްރިއެތާއަކީ ޑިޕްރެޝަންގެ ތަކުލީފުގައި ތިން ހަތަރު އަހަރެއް ހޭދަކޮށްފައިވާ ކުއްޖެއް ކަމަށެވެ. އެގޮތުން މީހުންނާ ވާހަކަ ދެއްކުން ހުއްޓާލާ، ސްކޫލަށް ދިއުންވެސް ހުއްޓާލީ ކަމަށާ، އެއީ ކޮންމެ ބެލެނިވެރިއެއްގެވެސް އެންމެ ބޮޑު ކަންބޮޑުވުންކަމަށް ގްރިއެތާގެ ބައްޕަ ބުންޏެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދިޔަ ގްރިއެތާގެ މަންމަވެސް ހުރިހާ ކޮންޓްރެކްޓްތަކެއް ދޫކޮށްލީ އާއިލާއަށް ވަގުތު ދީ، އެންމެން އެކުގައި ދުވަސްތައް ހޭދަކުރުމަށް ކަމަށްވެސް ގްރިއެތާގެ ބައްޕަ ވަނީ ހާމަކޮށްފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ ދިރާސާތަކަށް ގްރިއެތާ ޝައުގު އުފެދެން ފެށީ އެހާކަން ހިސާބުން ކަމަށާ، މައިންބަފައިންނާ ދިމާލަށްވެސް ބަހުގެ ވަރުގަދަ ހަމަލާތައް ގްރިއެތާ ދެމުންދިޔަކަން އޭނާގެ ބައްޕަ ވަނީ ހާމަކޮށްފައެވެ.

އެމެރިކާގައި ކުރިއަށްދިޔަ އދގެ ބޮޑެތި ބައްދަލުވުންތަކާ ދިމާކޮށް އުފަން ވަޒަން ކަމަށްވާ ސްވީޑްންއިން އެމެރިކާއަށް ގްރިއެތާ ދަތުރުކުރީ ރިޔަލު އޮޑީގައެވެ. އެއީ ވައިގެ އުދުހުންތަކުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކާ ދުރުވުމުގެ ނަމުގައި އޭނާ ކުރި ކަމަށްވާއިރު، ރިޔާ ނެގި އޮޑިއެއްގައި އެމެރިކާއަށް ދިއުމަށް ގްރިއެތާއަށް އެހީވީ އޭނާގެ ބައްޕައެވެ.

އޭނާއަކީ ކިތަންމެ އާދަޔާ ހިލާފު ކުއްޖެއް ކަމަށް މުޅި ދުށް ކަމުގައި ވީ ނަމަވެސް ބައްޕަގެ ނަޒަރުގައި އެއީ ހަމަ އާދައިގެ ކުއްޖެއް ކަމަށްވެސް ގްރެއިތާގެ ބައްޕަ ވަނީ ބުނެފައެވެ. އާއިލާއަށް މިހާރު އަންނަ ޕްރެޝަރު ކުޑަވެ، ދަރިފުޅު ސްކޫލަށް އެނބުރި ދާނެ ދުވަހަކަށް އުއްމީދު ކުރެވޭ ކަމަށްވެސް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ.