ރާއްޖެ ސަރަހައްދުން އިންޖީނު ހުއްޓުނު އޮޔާ ދަނިކޮށް އިރާނު ބޯޓުން ހިފެހެއްޓި މީހުން ރަށުތެރެެއަށް ދޫކުރީ އިމިގްރޭޝަނުން ހަވާލުނުވުމުން ކަމަށް ފުލުހުން ބުނެފިއެވެ.

އދ. މަންދޫ ބޭރުން ރާއްޖޭން ބޭރުގެ ލަކުޑި ބޯޓެއްގެ އިންޖީނު ހުއްޓިގެން މަންދޫއާ ދިމާލަށް އޮޔާދަނިކޮށް ފެނިފައިވަނީ މިދިޔަ ނޮވެމްބަރު މަހު 3 ވަނަ ދުވަހުގެ ހެނދުނު 8:20 ހާއިރެވެ. އެ ބޯޓުގައި އިރާނުގެ 7 ފިރިހެނުން ތިބި ކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުން ވަނީ އެމީހުން ހިފަހައްޓާފައެވެ.

މި މައްސަލާގައި އެމީހުން އުޅުނީ، މަސްތުވާތަކެތި އެތެރެ ކުރުމަށް ކަމަށް ބުނެ ތުހުމަތު ކޮށްފައިވެއެވެ. ނަމަވެސް، މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށް ބުނެ އެމީހުންގެ މައްޗަށް ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ، އެމީހުން ޑީޕޯޓް ކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާގަފައެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތުދެމުން ފުލުހުން ބުނީ، އެ މައްސަލާގައި ހިމެނޭ 7 މީހުން ޑީޕޯޓް ކުރުމަށް ޕީޖީން ނިންމުމާއި ގުޅިގެން މިމަހު 17 ވަނަ ދުވަހުން ފެށިގެން އެމީހުން އިމިގްރޭޝަނާއި ހަވާލު ކުރުމުގެ މަސައްކަތް ފުލުހުނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް، އިމިގްރޭޝަނުގައި ޖާގަ ނެތުމުގެ ސަބަބުން އެމީހުންނާއި އިމިގްރޭޝަނުން ހަވާލުވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި 7 މީހުން އިމިގްރޭޝަނާގައި ހަވާލު ކުރުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމުން ވެސް އެމީހުންނާއި ހަވާލުވެފައި ނުވާތީ އެމީހުން ތިބީ މިހާރު 'ރަށުތެރޭގައި' ކަމަށެވެ.